21 Feb 2015, 13:26
ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު މުޅި ދުނިޔޭގައި ފާހަގަކުރާ ސްކައުޓް "ފައުންޑާސް ޑޭ" ރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން ހދ. ނޮޅިވަރަންފަރުގައި ހަރަކާތްތަކެއް ފަށައިފި އެވެ.
"ސްކައުޓް ފައުންޑާސް ޑޭ ޗެލެންޖް 2015" ނަމުގައި ނޮޅިވަރަންފަރުގައި މިއަދާ، މާދަމާ ކުރިއަށްގެންދާ އެ ހަރަކާތްތައް ފައްޓަވައިދެއްވީ، ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރު ހުސެއިން އަބްދުﷲ އާއި އެ އެސޯސިއޭޝަންގެ ކައުންސިލް މެންބަރު ސައިފް އަޒުހަރުގެ އިތުރުން ނޮޅިވަރަންފަރު ކައުންސިލުގެ ރައީސް ހަސަން ތައުފީގާއި މެޖިސްޓްރޭޓަރު އަލީ އަހުމަދެވެ.

އެ ހަރަކާތްތަކާ ބެހޭ މައުލޫމާތު ދެއްވަމުން ނޮޅިވަރަންފަރު ސްކޫލްގެ ޕްރިންސިޕަލް އަދި ގްރޫޕް ސްކައުޓް ލީޑަރޫ އަލީ އަހުމަދު ވިދާޅުވީ، އެ ހަރަކާތުގެ ބޭނުމަކީ ހދ. އަތޮޅުގެ ސްކޫލްތަކުގެ ހުރިހާ ސްކައުޓުން އެއްތަނަކަށް އެއްވެ އެ ސްކޫލްތަކުގެ ސްކައުޓުންގެ ހުނަރުތައް ދައްކާލައި މުޖުތަމައުއަށް އެހީވުމެވެ.
އެރަށުގައި ކުރިއަށްދާ ހަރަކާތްތަކުގައި އެ އަތޮޅުގެ ފަސް ސްކޫލަކާއި މާލެއިން އަރަބިއްޔާ ސްކޫލުގެ ސްކައުޓުންގެ ތެރެއިން 185 ސްކައުޓުންނާއި 32 ލީޑަރުން ބައިވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، އެ ސްކޫލްތަކުގެ ޓީޗަރުންނާއި 60 ބެލެނިވެރިން ވެސް ބައިވެރިވެ އެވެ.
ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ފައުންޑާސް ޑޭ ގައުމީ ފެންވަރުގައި މިއަހަރު ރާއްޖޭގައި ފާހަގަކުރަން ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމާފައިވާއިރު، މިއަހަރުގެ ހަރަކާތްތައް ހދ. ނޮޅިވަރަންފަރުގެ އިތުރުން ގދ. ތިނަދޫ އަދި މާލޭގަ ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އެގޮތުން، އަންނަ ހުކުރު ދުވަހު މާލޭގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން މާލެ ތެރެ ސާފުކުރުމުގެ ޕްރޮގްރާމަކާއި ކުޑަ ކުދިންގެ ހަވީރެއް ބާއްވަން ވަނީ ރާވާފައެވެ.
ފައުންޑާސް ޑޭ ފާހަގަކުރުމުގެ ތިނަދޫގައި ހަރަކާތްތައް ފަށަން ނިންމާފައިވަނީ އެ އަތޮޅުގެ ތިން ސްކޫލެއްގެ ސްކައުޓުން އެއް ޖަމާއަތުގައި ފަތިސް ނަމާދު ކުރުމުންނެވެ. އޭގެ އިތުރުން ތިނަދޫ ހުޅަނގު ފަރާތް ސާފުކުރުމާއި ފްރެންޑްޝިޕް ސާކަލްއެށް ބޭވުމަށް ހަމަޖެހިފައިވާ ކަމަށް ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މައުލޫމާތުދެ އެވެ.