އާ އޮނިގަނޑުގެ ދަށުން ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައި ވާނީ އެ މީހެއްގެ ތައުލީމީ ސަނަދަށާއި އަދި ލިބިފައި ހުރި ތަޖުރިބާއަށް ބެލުމަށްފަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވެއްޖެ އެވެ.

ސަން ޓީވީގެ "ފަންސާސް މިނެޓު" ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ނަޒީރު ރޭ ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ތައުލީމީ ސަނަދަށާއި އެ މީހެއްގެ ތަޖުރިބާއަށް ބެލުމަށްފަހު ނޫނީ މުސާރައިގެ ކުރިއެރުމެއް ނުދޭނެ ކަމަށެވެ. އަދި ޓީޗަރުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތައް ގެނެސްފައި ވަނީ އެގޮަތަށް ބެލުމަށްފަހު ކަމަށް ނަޒީރު ވިދާޅުވި އެވެ.

"ރައީސް ޔާމީން ޓީޗަރުންގެ މުސާރަ ބޮޑުކޮށްދީފައި މި ވަނީ އަޅުގަނޑުމެންގެ ސުކޫލުތަކުގެ ކުލާސްރޫމުތަކަށް ފަންނީ ގާބިލް މީހުން ވެއްދުމަށްޓަކައި އަދި އެމީހުންގެ ސަބަބުން ރަނގަޅު ޖީލެއް ބިނާ ކުރުމަށް ހަމަ ސަނަދުތަކަށް ތަޖުރިބާ ތަކަށް މުސާރަ ކަނޑައަޅާފައި މި ވަނީ،" ޑރ. ނަޒީރު ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ 2009ވަނަ އަހަރުގެ ޓީޗަރުންގެ އޮނިގަނޑާއި އަލަށް ތައާރަފު ކުރި އޮނިގަނޑާއި ތަފާތުތަކެއް ހުންނާނެ ކަމަށެވެ. އެގޮތުން 2009 ވަނަ އަހަރު އެކުލަވާލި ޓީޗަރުންގެ އޮނިގަނޑުގައި ހުންނާނީ އަސާސީ މުސާރައާ ހިދުމަތުގެ އެލަވަންސްއާ އަދި އެހެނިހެން އެލަވަންސްތައް ހިމެނިފައިވާނެ ކަމަށް ނަޒީރު ވިދާޅުވި އެވެ.

"ދަންނަވަން މިއުޅޭ ވާހަކައަކީ 2009ވަނަ އަހަރުގެ ޓީޗަރުންގެ އޮނިގަނޑާއި 2015ވަނަ އަހަރުގެ ޓީޗަރުންގެ އޮނިގަނޑު ހަމައެއަކަނި މި ދެ ސަނަދުގެ އަސާސީ މުސާރަ ހިދުމަތުގެ އެލަވަންސްއާ ދެން އަޅުގަނޑުމެން މިއަހަރު އަލަށް ތައާރަފް ކުރި އެޑިއުކޭޝަނަލް ކޮމިފިކޭޝަނަލް އެލަވަންސް އެވެސް ދިވެހި ނަސްލުގެ މުދައްރިސުންނަށް ހަމަހަމަކަން ދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހައްދަވާދެއްވި ކަމެކޭ،" ނަޒީރު ވިދާޅުވި އެވެ.

އަލަށް އެކުލަވާލި ޓީޗަރުންގެ އޮނިގަނޑުގައި ޕެންޝަނަށް ކެނޑުމަށްފަހު ގެއަށް ގެންދަން ލިބޭ މުސާރަ ޓީއެސްއޯ އޮނިގަނޑުގައި ހިމެނޭ އަސާސީ މުސާރައާ ހިދުމަތުގެ އެލަވަންސްއާ އަދި އެޑިއުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް އާއެކު އެއްވެސް ސަނަދެއްގައި 30 އިންސައްތަ އަށް ވުރެއް މުސާރަ ދަށް ނުވާނެ ކަމަށް ނަޒީރު ވިދާޅުވި އެވެ.

"ބައެއް ސަނަދުތަކުގައި އުޅޭނެ 37 އިންސައްތަ ވެސް. އަޅުގަނޑު މި ކޮންޕެއާ ކޮށްލީ 2009ވަނަ އަހަރުގެ ޓީއެސްއޯގެ އޮނިގަނަޑާއި މިއަހަރުގެ އޮނިގަނޑާ. ދެން ޑިޕްލޮމާ ވެސް މިގޮތަށް މިދެންނެވި މޭރުމުން ކޮންޕެއާ ކޮށްލައިފި ނަމަ 30 އިންސައްތަ އަށް ވުރެއް ދަށެއް ނުވާނެ. ދެން އަދި ޑިގްރީއަށް ޖެހިއްޖެ ނަމަ އެއަށްވުރެއް ބޮޑުވާނެ. އަދި މާސްޓާސް އަށް ގޮށްސިއްޔާ އެއަށްވުރެއް ބޮޑުވާނެ. މާސްޓާސް ގައި 37 އިންސައްތަ އުޅޭނެ،" ނަޒީރު ވިދާޅުވި އެވެ.

އާ އޮނިގަނޑުގެ ދަށުން މާސްޓާސް ފެންވަރުގެ ލީޑިން ޓީޗަރެއްގެ މުސާރައަށް 31.44 ޕަސެންޓްގެ ކުރިއެރުމެއް ވަނީ ގެނެސްފަ އެވެ. މާސްޓާސް ފެންވަރުގެ ޓީޗަރަކަށް 34.01 ޕަސެންޓްގެ ކުރިއެރުމެއް ވަނީ ގެނެސްފައެވެ. ޑިގްރީ ފެންވަރުގެ ލީޑިން ޓީޗަރެއްގެ މުސާރައަށް އިތުރުކޮށްފައި ވަނީ 32.53 ޕަސެންޓެވެ. ބެޗްލާސް ފެންވަރުގެ ޓީޗަރެއްގެ މުސާރައަށް ބަލާއިރު، 34.01 ޕަސެންޓްގެ ކުރިއެރުމެއް ގެނެސްފައިވާއިރު، ޑިޕްލޮމާ ފެންވަރުގެ ޓީޗަރެއްގެ މުސާރައަށް އާ އޮނިގަނޑުގެ ދަށުން އިތުރުކޮށްފައި ވަނީ 30.75 ޕަސެންޓުގެ ކުރިއެރުމެކެވެ.