21 Feb 2015, 12:24
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށް ގިނަ ކުޅިވަރުތަކެއް ހިމެނޭ ގޮތަށް "އިންކްލޫސިވް ސްޕޯޓްސް" ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
އެ ޕްރޮގްރާމަކީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ފިޒިކަލް ޑިސްއޭބަލްސް (އެމްއޭޕީޑީ) ގެ ފަރާތުން އިންތިޒާމް ކުރާ ޕްރޮގްރާމެކެވެ. އެއީ ސްކޫލްތަކުގައި ކިޔަވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތު ހޯދައިދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ޕްރޮގްރާމްގެ ދަށުން މިއަދު ވަނީ ޖަމާލުއްދީން ސްކޫލްގައި ކިޔަވާ ކުދިންނަށް ބެޑްމިންޓަން ތައާރަފުކޮށްފަ އެވެ.
ޕްރޮގްރާމް ފެށުމަށް ޖަމާލުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭޕީޑީގެ ޗެއާމަން އަހުމަދު މުހައްމަދު ވިދާޅުވީ ބެޑްމިންޓަން މިއަދު ފެށިގެންދާ އިރު އަންނަ މަހުގެ ތެރޭގައި ލޯފަން ކުދިންނާ އަޑުއިވުމުން މަހުރޫމްވެފައިވާ ކުދިންނަށް އެތުލެޓިކްސް ފަށައިގެން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ޖެހިގެން އޮތް މަހު ރާޒުވާ ފަށާނެ ކަމަށާއި އެހެން ސްކޫލްތަކާ އެކު ވެސް ބާސްކެޓްފަދަ ކުޅިވަރުތައް ފެށުމަށް މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ.
"އަޅުގަނޑުމެން ފުރަތަ އެ ކުދިންނާ މަޝްވާރާކޮށްގެން ހޯދީ އެކުދިން ބޭނުންވަނީ ކޮން ކަންކަމެއްކަން. އެއަށްފަހު ޔޫތު މިނިސްޓްރީއާއެކު ވެސް މަޝްވަރާ ކުރުމަށްފަހު އަޅުގަނޑުމެން މި ޕްރޮގްރާމް ފެށީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް ކުޅިވަރު ކުޅުމުގެ ހަމަހަމަކަން އެހެންކުދިންނަށް އެއްވަރަށް ހޯދާދިނުމުގެ މަގްސަދުގައި،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ.
ޔޫތު މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވީ އެ ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުޅިވަރުގައި އިތުރަށް ކުރިއަށް ދެވޭނެ މަގު ފަހިކޮށްދިނުން ކަމަށާއި އެ ކުދިންނަށް ކަސްރަތު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަފެނޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ކުދިންނަށް އެންމެ އެކަށޭނަ ގޮތެއްގައި އަޅާ ނުލައި ތިބޭތަން. ނުވަތަ ދެވެން ހުރި ފުރުސަތުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ނުދެވޭތަން. އެހެންވީމަ އަޅުގަނޑުމެން ބޭނުންވީ އަޅުގަނޑުމެންގެ މެންޑޭޓުގައި ހުންނަ ކަންކަން ވީވަރަކުން އެކުދިންނަށް ފޯރުކޮށްދޭން،" މަލީހު ވިދާޅުވި އެވެ.
ޔޫތު މިނިސްޓްރީއާއި އެހެން ޖަމިއްޔާތައް ގުޅިގެން ހިންގާ ޕްރޮގްރާމްތަކުގައި ދަރިވަރުން ބައިވެރިކުރުމަށް ޙާއްސަ ސަމާލުކަމެއް ދިނުމަށް ސްކޫލްތަކުގެ ބެލެނިވެރިންގެ ކިބައިން މަލީހު އެދިވަޑައިގެންނެވި އެވެ.