އަމާނާތަކުފުލްގެ އެޖެންޓުންނަށް ވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ހަރީޒް ސުލެއިމާން ވިދާޅުވެއްޖެ އެވެ. ހަރީޒް މިހެން ވިދާޅުވީ "ސަން" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

އެޖެންޓުނަށް ވުމުގެ ފުރުސަތު އަމާނާތަކަފުލްއިން ހުޅުވާލާފައި ވަނީ އެ ކުންފުނީގެ ހިދުމަތްތައް ފުޅާ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކަމަށް ހަރީޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން މާލެ އަދި އަތޮޅުތެރެއިން ވެސް އެޖެންޓުން ނަގަން. އޭރުން އަތޮޅުތެރޭގައި ވެސް މިހާރަށްވުރެ ފުޅާކޮށް އަދި ފަސޭހަ ގޮތަކަށް ހިދުމަތްދެވޭނެ،" ހަރީޒް ސުލެއިމާން ވިދާޅުވި އެވެ.

އެޖެންޓުންނަށް ވުމަށް އެދޭ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އޯލެވެލް ފެންވަރު ހުރުމާއި އެއްވެސް ކަހަލަ ކުށުގެ ރިކޯޑެއް ނެތުން ހިމޭނޭ ކަަމަށް އަމާނާއިން ބުންޏެވެ.

މި އެޖެންޓުންނަށް ކޮމިޝަންގެ އުސޫލުން އާމްދަނީ ލިބޭނެ ކަމަށް ހަރީޒް ވިދާޅުވި އެވެ.

އަމާނާތަކަފުލް އަށް އެޖެންޓުންނަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އިސްލާމިކް އިންޝުއަރެންސާއި ބެހޭ ޓްރެއިނިން ޕްރޮގްރާމްތަކާއި ދާއިރާގެ ފަންނީ މައުލޫމާތު ދޭނެ ކަމަށް ހަރީޒް ވިދާޅުވިއެވެ. އަދި އެޖެންޓުން ނެގުމުގައި އެމްއެމްއޭ ކަނޑައަޅާފައިވާ އުސޫލްތަކަށް ބައްލަވާނެ ކަަމަށް ހަރީޒް ވިދާޅުވި އެވެ.

އަމާނާތަކަފުލްއަކީ ރާއްޖޭގައި އިސްލާމިކް އިންޝުއަރެންސް ހިދުމަތްދޭން ފެށި އެންމެ ފުރަތަމަ ކުންފުންޏެވެ.