21 Feb 2015, 10:00
މަރްޖަޢުޔޫން (ފެބްރުއަރީ 21) : "ޖިންނީ" ގެ ނަމުން ނަންދީފައިވާ ސްނޯގެ ތޫފާންގެ ސަބަބުން އުރުދުން އާއި ލުބްނުގެ އިތުރުން ސޫރިޔާގެ އުތުރުގައިވާ ފޭލިގެތަކުގައި ދިރިއުޅޭ ސޫރިޔާގެ ރެފިއުޖީންގެ ޙާލަތު އިތުރަށް ގޯސްވެ ރެފިއުޖީންގެ ބައެއް ތުއްތު ކުދިން ފިނީގެ ސަބަބުން މަރުވަމުންދާކަމަށް ޚަބަރު ލިބިއްޖެ އެވެ.
އަލްޖަޒީރާ ބުނާގޮތުން ފޮތިންނާއި ޕްލައިވުޑުން ހަލާދާފައިވާ ބައެއް ފޭލިގެތަކުގެ މައްޗަށް ގިނަ އަދަދަކަށް ސްނޯފާބައި ސްނޯ ބޯވުމުގެ ސަބަބުން ބައެއް ފޭލިގެތައްވަނީ ވެއްޓި ރޫޅިފައެވެ. އަދި ފިނިން ސަލާމަތްވާނެ ގޮތެއް ނެތުމުން މުސްކުޅިންނާއި ބައެއް ކުޑަކުދިންދަނީ މަރުވަމުންނެވެ.
"ޖިންނީ" ގެ ނަމުން ނަންދީފައިވާ ސްނޯގެ ތޫފާން މެދުއިރުމަތީގެ ބައެއް އަރަބި ގައުމުތަކަށާއި ތުރުކީއަށާއި އިސްރާއީލަށް އިއްޔެ އަރާފައިވާއިރު ފަލަސްތީނާއި އުރުދުންއާއި މިސްރާއި ސޫރިޔާއާއި ލުބްނާނުގެ ގިނަ ސްކޫލްތަކާއި ސަރުކާރުގެ މުއައްސަސާތައ ބުރާސްފަތި ދުވަހުން ފެށިގެންވަނީ ބަންދުކޮށްފައެވެ. ތުރުކީވިލާތުން ވަނީ ސްނޯގެ ތޫފާނާ ގުޅިގެން އެގައުމުގެ އެއަރލައިންތަކުގެ 400 އަށްވުރެ ގިނަ ދަތުރުތައް ކެންސަލްކޮށްފައިވާއިރު އުރުދުންއާއި ލުބްނާނާއި މިސްރުގެ ބައެއް އެއަރލައިންތަކުގެ ފްލައިޓްތައްވެސްވަނީ ކެންސަލް ކޮށްފައެވެ.އަދި މިސްރުންވަނީ މެޑިޓަރޭނިޔަން ކަނޑުގައިވާ އެގައުމުގެ ބަނދަރުތައްވެސް ބަންދުކޮށްފައެވެ.
މިއީ މިއަހަރުގެ ފިނި މޫސުމުގައި އަރަބި ގައުމުތަކަށް އަރާ ސްނޯގެ ދެވަަނަ ތޫފާނެވެ. މިތޫފާންގެ ސަބަބުން އެންމެ ބޮޑު ވޭނެއްގައި އުޅެން ޖެހިފައިވަނީ ޙާލުގައި ޖެހިފައިވާ ސޫރިޔާގެ ރެފިއުޖީންނެވެ. (އަލްޖަޒީރާ)