21 Feb 2015, 09:55
ބެންގާޒީ (ފެބްރުއަރީ 21) : ލީބިޔާގެ އިރުމަތީ ސިޓީއެއް ކަމަށްވާ އަލްގުއްބާ ގައި ސިލްސިލާ ގޮތެއްގައި ބޮންތަކެއް ގޮއްވާލައި 40 މީހުން މަރާލުމުގެ ޒިންމާ ލީބިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ގޮފިން އުފުލައިފިއެވެ.
"ވިލާޔަތު ބަރްގާ" ގެ ނަމުން ނަންދީފައިވާ މިޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ބޮންތައް ގޮއްވާލީ އެޖަމާއަތުގެ މަރުކަޒެއްކަމަށްވާ ލީބިޔާގެ އެހެން ސިޓީއެއްކަމަށްވާ ދަރްނާ އަށް މިދިޔަ ހަފްތާގައި މިސްރުން ދިން ވައިގެ ޙަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ކަމުގައެވެ. ނަމަވެސް ބަދަލުހިފުމުގެ މިޙަމަލާތަކުގައި މަރުވެފައިވަނީ ލީބިޔާއަށް ބޮންއެޅުމަށް އަމުރުކުރެއްވި މިސްރުގެ ވެރިންނާއި އެކަމަށް ހިއްވަރު ދެއްވި މިސްރަށް ތާއީދުކުރާ ލީބިޔާގެ ސިޔާސީ ފަރާތްތައް ނޫންކަމަށާ މަރުވެފައިވަނީ ލީބިޔާގެ ކުށެއްނެތް އާންމުން ކަމަށް ލީބިޔާގެ މީޑިޔާ ބުނެއެވެ.
އައިއެސްގެ ބަޔާނުގައި ބޮމުގެ ޙަމަލާތައް އަމާޒުކޮށްފައިވަނީ ގުއްބާގެ ފުލުހުންގެ މަރުކަޒަކަށާއި ޕެޓްރޯލް ސްޓޭޝަނަކަށް ކަމަށް ބުނެފައިވެއެވެ. މީގެތެރެއިން ގުއްބާގެ ޕެޓްރޯލް ސްޓޭޝަނަކީ ލީބިޔާގެ ގިނައަދަދެއްގެ ރައްޔިތުން ކާރަށް ޕެޓްރޯލް އެޅުމަށް ދާ ތަނެކެވެ.
އަނެއްކޮޅުން އައިއެސް ފަދަ ޓެރަރިސްޓް ޖަމާއަތްތައްލީބިޔާއިން ނައްތާލުމަށްޓަކައި އެގައުމަށް ބައިނަލްއަގްވާމީ ލަޝްކަރެއް ފޮނުވަން ތާއީދުނުކުރާކަން އެގައުމުގެ އަވަށްޓެރި އަލްޖަޒާއިރާއި ތޫނިސްއިންވަނީ ހާމަކޮށްފައެވެ.
އަލްޖަޒާއިރުގެ ޚާރިޖީ ވަޒީރު ރަމްތާން ލިޢްމާމިރާ ވިދާޅުވީ ލީބިޔާގައި ޓެރަރިސްޓް ޖަމާއަތްތައް ބާރުގަދަކުރާ މައްސަލަ ހައްލުކުރެވޭނީ އެގައުމުގެ ވާދަވެރި ފަރާތްތަކުގެ އަރާރުންތައް ސިޔާސީގޮތުން ޙައްލުކޮށްގެންކަމުގައެވެ. އަދި ލީބިޔާގައި މިހާރުއޮތް ދެ ސަރުކާރުގެ ބަދަލުގައި އެގައުމުގެ ވާދަވެރި ސިޔާސީ ފަރާތްތައް ހިމެނޭގޮތަށް ވަތަނީ އެއްބައިވަންތަކަމުގެ އެއްސަރުކާރު އުފައްދުމަށް މަސައްކަތްކުރަންޖެހޭ ކަމަށާ ބޭރުގެ ބާރެއް ލީބިޔާއަށް ފޮނުވައިގެން އެކަން ނުކުރެވޭނެ ކަމަށްވެސް ރަމްތާން ވިދާޅުވިއެވެ.
އަނެއްކޮޅުން ތޫނިސްގެ ރައީސް އަލްބާޖީ ގާޔިދް އައްސިބްސީ ވަނީ ލިބިޔާއަށް ބައިނަލްއަގްވާމީ ލަޝްކަރެއް ފޮނުވުމަށް މިސްރުން ގޮވާލާފައިވާ ގޮވާލުމަށް ދެކޮޅު ހައްދަވާފައެވެ.ސިބްސީ ވިދާޅުވީ ބައިނަލްއަގްވާމީ ލަޝްކަރުން ޓެރަރިޒަމްގެ މައްސަލަ ހައްލުނުކުރެވޭކަން އިރާގާއި ސޫރިޔާއިންވެސްވަނީ ހާމަވެފައި ކަމުގައެވެ. (ނޫސްއެޖެންސީތައް)