މީހުން ވަޒަންވެރިވެ ދިރިއުޅޭ ދުނިޔޭގެ އެންމެ އުސް ރެސިޑެންޝަލް ބިލްޑިންގައި އަލިފާން ރޯވެއްޖެ އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ މައިރަށެއްކަމަށްވާ ދުބާއީގައި ހުންނަ 79 ބުރީގެ ޓޯޗް ޓަވަރުގައި ރޯވީ އެ ގައުމުގެ ގަޑިން ރޭ މެންދަމުން އަލިވެ، 2.30 އެހާކަށް ހާއިރު ކަމަށް ގަލްފް ނިއުސް ޑެއިލީ ބުންޏެވެ. އެނޫހުން ބުނީ އެއިމާރާތުގައި ރޯވުމުން އެތައް ހާސް ބަޔަކު އެތަނުން ނެރެ އެހެން ތަންތަނަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބުނީ އެތަނުން ނެރުނު ބައެއް މީހުން ކޮންމެވެސް ވަރަކަށް ޒަހަމްވެފައިވާ ކަމަށެވެ.

ޓޯޗްޓަވަރުގައި ދިރިއުޅުނު ބައެއް މީހުންނާ ހަވާލާދީ ނޫހުން ބުނީ އަލިފާން ރޯވީ އެ އިމާރާތުގެ 51 ވަނަ ފަންގިފިލާގައި ކަމަށް ބެލެވޭ ކަމަށެވެ. އަދި ބުނީ މިހާރު އެއިމާރާތުގެ 70 ވަނަ ފަންގިފިލަޔާ ހަމައަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށެވެ. އަލިފާން ރޯވެފައިވާ އެއިމާރާތުގެ ބައިތައް ބިމަށް ފައިބަމުންދާ ކަމަށް ވެސް ބުންޏެވެ. އިމާރާތުގައި ރޯވެފައިވާ އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ބައެއް ނޫސްއެޖެންސީތަކުން ބުނި ނަމަވެސް ގަލްފު ނިއުސް ބުނީ ވައިޖެހިލާއިރަށް އިމާރާތުގެ އެކި ތަންތަނުން ހުޅުފަޅައިގެންދާ ކަމަށެވެ.

އުސްމިނުގައި 1100 ފޫޓް ހުންނަ ޓޯޗް ޓަވަރަކީ މީހުން ވަޒަންވެރިވެ ދިރިއުޅޭ (ރެސިޑެންޝަލް ބިލްޑިންގް) ތަކުގެ ތެރެއިން ދުނިޔޭގައި މިހާރު ހުރި އެންމެ އުސް އިމާރާތެވެ. ދުނިޔޭގެ އެންމެ އުސް އިމާރާތް ވެސް ހުންނަނީ ދުބާއީގައެވެ. އެއީ އުސްމިނުގައި 2722 ފޫޓް ހުންނަ ބުރުޖް ޚަލީފާއެވެ.