ދެހާސް ތޭރަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވަޅިން ހަމަލާދީ މއ. އައިޝާގެ ކައިރީގައި މަރާލި ހުސައިން ވަހީދުގެ ވާރިސުން ހޯދަން ޖުވެނައިލް ކޯޓުން އިއުލާންކޮށްފި އެވެ.

ޖުވެނައިލް ކޯޓުން ކުރި އިއުލާނުގައި ވަނީ ހުސައިން ވަހީދުގެ އެއްވެސް ވާރިސަކު ހުރިނަމަ އެފަރާތެއްގެ ނަމާއި އެޑްރެހާއި އައިޑީކާޑު ނަންބަރުގެ އިތުރުން ގުޅޭނެ ފޯނު ނަންބަރު 30 ދުވަހުގެ ތެރޭގައި ލިޔުމުން އެ ކޯޓަށް އަންގައި ދިނުމަށް އެދޭ ކަމަށެވެ. ހުސައިން ވަހީދު މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ 16 އަހަރުގެ ދެ ކުއްޖެއްގެ މައްޗަށެވެ.

އެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. އަނެއް ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައި ވަނީ އެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ 10:30 އެހައިކަން ހާއިރު، ހުސައިން ވަހީދު މއ. އައިޝާގޭ، ކައިރީގައި ހުއްޓައި، އިތުރު ބަޔަކާ އެކު އެތަނަށް ގޮސް ތިލައިގައި ހަ އިންޗި ހުންނަވަރުގެ ވަޅިއެއް އޭނާގެ މެޔަށް ހަރާލާފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.

ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ފުރަތަމަ ކުއްޖާ ހުސައިން ވަހީދުގެ މެޔަށް ވަޅި ހެރުމަށްފަހު ދެ ވަނަ ކުއްޖާ އިން ސައިކަލްގެ ފަހަތަށް އެރުމުން އެ ކުއްޖާ ގޮވައިގެން ދެވަނަ ކުއްޖާ އެތަނުން ގޮސްފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އެ މައްސަލަ ޝަރީއަތަށް ސާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް މިހާރު ވަނީ ނަގާނިމިފަ އެވެ.