21 Feb 2015, 08:18
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފް (މަހޭ) އަދިވެސް ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ކަމަށާއި އޭނާ އެޕާޓީން ވަކިވެވަޑައިނުގަންނަވާ ކަމަށް ޕީޕީއެމްއިން ބުނެފި އެވެ.
ޕީޕީއެމްގެ އިސް އޮފިޝަލަކު ދާދި ދެންމެއަކު ވަނީ 'ސަން'އަށް އެކަން ޔަގީންކޮށްދެއްވައިފައެވެ. އޮފިޝަލް ވިދާޅުވީ، "މަހޭ އަދިވެސް ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި، އޭނާ ޕާޓީން ކެނޑެން ސިޓީ ލައްވާފައެއް ނެތް،" ކަމަށެވެ.
އެހެން ނަމަވެސް ސަންއަށް ކަށަވަރުވެފައިވާ ގޮތުގައި ޕީޕީއެމްއިން ވަކިވުމާގުޅޭ ގޮތުން މަހްލޫފުވަނީ ދާދި ފަހުން އެޕާޓީގެ އިސް ބައެއް ބޭފުޅުންނާ މަޝްވަރާކުރައްވައިފައެވެ. އަދި މިފަހަކަށް އައިސް ޕީޕީއެމްގެ ހަރަކާތްތަކުން މަހްލޫފު ނުފެންނަކަން ފާހަގަކުރެވެ އެވެ.
ޕީޕީއެމުން މިހެން ބުނެފައިވާ އިރު ނުރަސްމީ ހަބަރުތައް ބުނާގޮތުގައި މަހްލޫފް މިހާރުވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ސޮއިކުރައްވާފައެވެ. އެހެން ނަމަވެސް އެކަން ރަސްމީކޮށް އިއުލާނުކުރުން އޮންނާނީ، މިމަހުގެ 27ގައި ޖޭޕީ/އެމްޑީޕީ އިން ބާއްވާ ޖަލްސާއެއްގައި ކަމަށް ވެއެވެ.
މަހޭ ޖޭޕީއާ ގުޅިވަޑައިގެންފި ކަމުގެ އަޑުތަކެއް ފެތުރިފައިވާ އިރު، އޭނާގެ އަނބިކަނބަލުން ނަޒްރާ ނަސީމް އަކީ، ޖޭޕީގެ އިސް ޕާލިމެންޓް މެންބަރެއް ކަމަށްވާ އަދި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވަރަށް ގާތް ބޭފުޅެއް ކަމަށްވާ ފައިސަލް ނަސީމްގެ ކޮއްކޮއެކެވެ.