21 Feb 2015, 00:40
އަވަށްޓެރި އިންޑިއާ އިން ރާއްޖޭގެ ދާޚިލީ ކަންތައްތަކާ ނުބެހޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓުން މިނިސްޓަރު ދުންޔާ އާ ހަވާލާދީ މިރޭ ކޮށްފައިވާ ޓްވީޓެއްގައި ވަނީ، 'ޕަންޗްޝީލް ޓްރިޓީ' އަށް އިންޑިއާ ސަރުކާރުން ބޯލަނބާނެ ކަމާއި މެދު ދިވެހި ސަރުކާރަށް ޔަގީންކަން އެބައޮތް ކަމަށެވެ.
ފޮރިން މިނިސްޓަރު ދުންޔާ މިހެން ވިދާޅުވެފައި މި ވަނީ ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކޮށްފި ނަމަ އިންޑިއާ އިން އެކަމާ މެދު ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
މީގެކުރިން ވެސް ނަޝީދު ވަނީ، އެމަނިކުފާނު ޖަލަށް ލައްވައިފިނަމަ އިންޑިއާގެ އެހީތެރިކަމަށް އެދޭ ކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދަށް ކޯޓަށް ވަޑައިގަތުމަށް ޗިޓު ފޮނުވުމުން މީގެކުރިން އެމަނިކުފާނު ވަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ތެރޭގައި ވަގުތު ހޭދަކުރައްވާފައެވެ.