21 Feb 2015, 00:20
އެއް އިރެއްގައިވެސް މުސްލިމުންނަށް ނަފުތަރުކޮށްފައި ނުވާ ކަމަށާއި އެހެން ނަމަވެސް އިސްލާމް ދީނާ މެދު ރަނގަޅަށް އެނގިފައިނުވާތީ އެ ދީނާމެދު ބިރުހީވެ "އިސްލާމަފޯބިކް" އަކަށްވީ ކަމަށް، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ފިލްމެ އުފައްދައި، އޭގެ ފަހުން އިސްލާމްވި ހޮލެންޑްގެ ކުރީގެ ސިޔާސީ ލީޑަރެއް ކަމަށްވާ އަރްނޫދު ވަން ދޫން ވިދާޅުވެއްޖެ އެވެ.
އަރުނޫދު އޭނާ އިސްލާމްވާން މެދުވެރިވި ވާހަކަތައް ދިވެހި ރައްޔިތުންނާ ހިއްސާ ކުރެއްވުމަށް މިރޭ ކާނިވާ ސަރަހައްދުގައި ދެެއްވި ތަގުރީރުގައި ވިދާޅުވީ، އިސްލާމްދީނާ ދޭތެރޭ ނަފުރަތުކޮށް ބިރު އުފެދުނީ ހުޅަނގުގެ މީޑިއާތަކާއި އަދި އެނޫންވެސް އެކި ގޮތްގޮތުން އެނގިފައިވާ ގޮތުގައި އިސްލާމްދީނަކީ އަނިޔާވެރި އަދި ބިރުވެރި ކަމުން ފުރިގެންވާ ދީނެއް ކަމަށް ވާތީ އެވެ.
"އަޅުގަނޑު ދުވަހަކުވެސް މުސްލިމުންނަކަށް ނަފްރަތެއް ނުކުރަން. އެހެން ނަމަވެސް އަޅުގަނޑަކީ އޭރު 'އިސްލާމަފޯބިކް' [އިސްލާމް ދީނާމެދު ނަފުރަތާއި ހިތުގައި ބިރުވެރިކަން އުފެދިފައިވާ] ޕޮލިޓީޝަނެއް. އަޅުގަނޑަށް އިސްލާމްދީނާ މެދު އަބަދުވެސް އިވިފައިވަނީ ގޯސް ވާހަކަތައް. އަނިޔާވެރިކަން. އެހެން ކަމުން އަޅުގަނޑު ބިރުގަތީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގިނަ އަދަދެއްގެ މީހުން އިސްލާމްދީން ގަބޫލުކުރަމުން ދާތީ، ހިތުގެ ތެރޭގައި ސުވާލުތައް އުފެދެން ފެށި ކަމަށެވެ. އަދި އޭގެ ސަބަބުން އިތުރަށް ދީނާ ބެހޭގޮތުން ކަންތައްތައް ސާފުކުރަން ފެއްޓެވީ ކަމަށް އަރުނޫދު ވިދާޅުވިއެވެ. އަދި މުސްލިމުންގެ ފަރާތުން ފެނުނު އޯގާވެރިކަމާއި އެކުވެރިކަމުގެ ސަބަބުން އިސްލާމްދީނާމެދު އޮތް ވިސްނުން މުޅިން ބަދަލުވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
ދީނީ ހޯދުންތަކުގައި ހޭދަކުރެއްވި ދޮޅުއަހަރު ދުވަހުގެ ދަތުރަކަށްފަހު އިސްލާމްދީން ގަބޫލުކުރެއްވިއިރު ދުވަހަކުވެސް ހިތްހަމަ ނުޖެހޭ ވަރަށް މިހާރު ހިތްހަމަ ޖެހޭ ކަމަށާއި އިސްލާމްވުމަށް ނިންމި ނިންމެވުމަކީ މިހާތަނަށް އޭނާ ކުރެއްވި އެންމެ ރަނގަޅު ކަންތައް ކަމަށް އަރުނޫދު ވިދާޅުވި އެވެ. ނަމަވެސް އޭނާ އިސްލާމް ވުމުން އާއިލާގެ ގިނަ ބަޔަކު އޭނާ ބާކީ ކޮށްލި ކަމަށާއި 30 އަހަރަށްވުރެ ގިނަ ދުވަސްވަންދެން ތިބި އެކުވެރިން އޭނާ ދޫކޮށް ގޮސްފައިވާ ކަމަށް އަރުނޫދު ވިދާޅުވި އެވެ.
އިސްލާމްދީނަކީ މުސްލިމުން ނޫން އެހެން އެންމެންނާ މެދު ރުޅިވެރިކަން ބޭއްވުމަށް ގޮވައިލާ، ހަމަނުޖެހުން ބޮޑު ދީނެއް ކަމަށް ދައްކުވައިދިނުމަށް މަސައްކަތްކޮށްފައިވާ ފިލްމަށް ޚަރަދު ކުރި ކުރުމާއި މެދު އަރްނޫދު ފަހުން ވަނީ މައާފަށް އެދިވަޑައިގެންފައެވެ. އެ ފިލްމަށް ހަރަދު ކުރި އިރު އޭނާ ހުންނެވީ ހޮލެންޑްގެ ހަރުކަށި، ކަނާތުފިޔައިގެ ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައެވެ.
އަރުނޫދު އިސްލާމްވީކަން އިއުލާން ކުރައްވާފައި ވަނީ 2013 ވަނަ އަހަރު އެވެ. އެކަން އޭނާ އިއުލާން ކުރެއްވީ ހައްޖުގެ މާތް އަޅުކަން އަދާކުރެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކުރިއަށްގެންދާ "ދަ މެސެޖް" ސިލްސިލާގެ ދެވަނަ ޕްރޮގްރާމްގައި އަރްނޫދު މިރޭ ތަގުރީރުކުރައްވާފައިވާ އިރު، އެ ދަރުސް އަޑުއެހުމަށް ގިނަބަޔަކު ކާނިވާ ސަރަހައްދަށް އެއްވިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދަ މެސެޖް ސިލްސިލާގެ ތިންވަނަ ޕްރޮގްރާމް އަންނަ މަހު 13 ގައި އޮންނާނެ ކަމަށެވެ. އެ ޕްރޮގްރާމްގައި ތަގުރީރުކުރައްވާނީ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޑރ. ޔާސިރު ޤާޟީ ކަމަށްވެސް އެމިނިސްޓްރީން މައުލޫމާތު ދެއެވެ.