20 Feb 2015, 23:48
ސްރީ ލަންކާގެ ބޮޑުވަޒީރަކު ހޮވުމަށް މިއަހަރުގެ މެދުތެރޭގައި ބާއްވާނޭ ކަމަށް ބެލެވޭ އިންތިޚާބުގައި ވާދަކުރައްވަން ވިސްނަވާ ކަމަށް އެގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.
ސިޔާސީ މައިދާނަށް އެނބުރި ވަޑައިގަތުމަށް ގޮވާލައި ރާޖަޕަކްސައަށް ތާއީދުކުރާ އެތަކެއް ހާސް ސަޕޯޓަރުން ބޭއްވި ރެލީއެއްގައި އެފަރާތްތަކާ މުހާތަބުކުރައްވައި ފޮނުއްވި މެސެޖެއްގައި އޭނާ ވިދާޅުވީ، ރައްޔިތުންގެ އެދުންތައް ހަނދުމަފުޅު އެބަ ހުރި ކަމަށެވެ.
"މިއަދު އަޅުގަނޑުމެން ތަޖުރިބާކުރަމުން މިދަނީ ބަލިވުމެއް ނޫން، އެކަމަކު މިއީ ބަޔަކު ޚިޔާނާތްތެރިވުމުގެ ނަތީޖާ،" ރެލީގައި އިއްވި ރާޖަޕަކްސަގެ މެސެޖުގައިވެ އެވެ.
ރާޖަޕަކްސަ ވިދާޅުވީ، ގައުމާ ދޭތެރޭގައި ވިސްނާ އަދި ގައުމަށްޓަކައި މަސައްކަތް ކުރާ ފަރާތްތަކާ އެކު ކުރިއަށް ވަޑައިގަތުމަށް އޭނާ ތައްޔާރަށް ހުންނެވި ކަމަށެވެ.
ލަންކާގެ ބޮޑުވަޒީރުކަމަށް ކުރިމަތިލެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ރާޖަޕަކްސަ ވިދާޅުވެފައިވާއިރު، މިދިޔަ މަހުގެ ބޭއްވި ރިޔާސީ އިންތިހާބުގައި ރާޖަޕަކްސަ ބަލިކުރައްވައި ވެރިކަމަށް ވަޑައިގެންނެވި މިހާރުގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ވަނީ، ރައީސްގެ ބާރުތައް ކުޑަކުރައްވައި، ޕާލިމެންޓު ބާރުވެރިކުރުވައި ބޮޑުވަޒީރަކީ ދައުލަތުގެ އެންމެ އިސްވެރިޔާއަށް ހައްދަވާނޭކަމަށް ވައުދުވެވަޑައިގެންފައެވެ.
ރާޖަޕަކްސަގެ ސަޕޯޓަރުން ގޮވާލަމުންދަނީ އެގައުމުގައި ދިގުމުއްދަތަކަށް ކުރިއަށްދިޔަ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނެސް، ގައުމުގައި ހަމަޖެހުމާއި އަމަންއަމާންކަން ގާއިމުކުރުމަށް އަގުހުރި މަސައްކަތްތަކެއް ރާޖަޕަކްސަ ކޮށްދެއްވި ނަމަވެސް އަދުގެ ސަރުކާރުން ބައިމަދު ތަމަޅައިންނާ، މާބޮޑަށް ގުޅުން ބަދަހިކުރަމުން ދިއުމުގެ ސަބަބުން ގައުމުގެ އެއްބައިވަންތަކަމާއި ހަމަޖެހުން ނުރައްކާވާ ހާލަތަށް ގޮސްފައިވާ ކަމަށެވެ.
ރާޖަޕަކްސަ ސިޔާސީ މައިދާނަށް އެނބުރި އައުމަށް ގޮވައިލާ، ލަންކާގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ވިމަލް ވީރަވަންސާ ވިދާޅުވެފައި ވަނީ، އެގައުމުގެ އުތުރުގައި ސިފައިން ހިފާފައިވާ ކުރީގެ ހަނގުރާމައިގެ ސަރަހައްދުތަކުގައި، 2009 ވަނަ އަހަރު ތަމަޅަ ޓައިގަރު ހަނގުރާމަވެރިންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އަސްކަރިއްޔާއިން ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް ކުރާ ތުހުމަތުތައް ތަހުގީގުކުރުމަށް އދ.އަށް ހުޅުވާލުމަށް އަދުގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތަކީ ގައުމުގެ އެއްބައިވަންތަކަން ނެތިގެން ހިނގައިދާނެ އަމަލުތަކެއް ކަމަށެވެ. -- (އޭޕީ)