އެޕަލް އާއި އޮންނަ ވާދަވެރިކަމުގައި ކޮރެއާގެ ސެމްސަންގް އިން ލޫޕް-ޕޭ ގަންނަން ނިންމައިފިއެވެ. ސެމްސަންގ އިން ލޫޕް-ޕޭ ގަންނަން ނިންމީ އެޕަލް ގެ އައިފޯނުގައި އެކުލެވޭ ފޯނުން ފައިސާ ދެއްކުމުގެ ގާބިލުކަމާއި ވާދަކުރުމަށެވެ.

ސެމްސަންގް ގެ މި ނިންމުމުން ބެލެވެނީ މާޗް އެކެއްގައި ސްޕޭނުގެ ބާސެލޯނާގައި ބާއްވާ މޮބައިލް ވާލްޑް ކޮންގްރެސް ގައި އިއުލާނުކުރުމަށް ހަމަޖެހިފައިވާ ސެމްސަންގް ގެ ފޯނުގައި މި ގާބިލުކަން އެކުލެވޭނެ ކަމަށެވެ.

މީގެ އަހަރެއް ކުރިން ނެރުނު ލޫޕް-ޕޭ އަކީ ކްރެޑިޓް ކާޑުގެ މެގްނެޓިކް ސިގްނަލް ފޯނު މެދުވެރިކޮށް ފިހާރަތަކުގެ ކާޑު މެޝިނަށް ފޯރުކޮށްދޭ އެއްޗެކެވެ. މިހާރު ފިހާރަތަކުގައި ހުންނަ ގިނަ މެޝިނުން މިހިދުމަތް ބޭނުންކުރެވޭނެ އެވެ.
އެޕަލް ޕޭ ފަދަ މިހާރުގެ ފޯނުން ފައިސާ ދެއްކޭ ވަސީލަތްތަކުން ބޭނުންކުރަނީ "ނިއާ ފީލްޑް ކޮމިއުނިކޭޝަން" (އެން އެފް ސީ) އެވެ. މީގެ ސަބަބުން މިހާރުގެ ގިނަ މެޝިނުތަކަށް މަސައްކަތް ނުކުރެވެ.

ނަމަވެސް ލޫޕް-ޕޭ ބޭނުން ކުރުމުގައި ދަތިވަނީ ކުރީގެ މެޝިނުތަކާއި ކާޑު އެއްކޮށް ލައްވަންޖެހޭ މެޝިނުތަކުގައި ބޭނުން ނުކުރެވޭތީއެވެ. މިހާރަށް ވުރެ ސެކިއުރިޓީ ވަރުގަދަ ކާޑު ބޭނުންކުރަން ފެށުމުން ވާނެގޮތެއް އަދި ނޭނގެއެވެ. ލޫޕް-ޕޭ ގައި ބޭނުން ކުރެވެނީ ސެކިއުރިޓީ ދަށް މެގްނެޓިކް ސިގްނަލެވެ.

"އަބަދުވެސް އަހަރެމެންގެ އަމާޒަކީ އެންމެ ސްމާޓު، ރައްކާތެރި، ބޭނުންކުރަން ފަސޭހަ ފޯން-ވޮލެޓް ފޯރުކޮށް ދިނުން. ވީމާ މި އަމާޒާ ގާތް ކޮށްދޭ ލޫޕް-ޕޭ އަށް މަރުހަބާކިޔަން." ސެމްސަންގް ގެ މޮބައިލް ޑިވިޝަންގެ ސީއީއޯ، ޖޭކޭ ޝިން ވިދާޅުވި އެވެ.

ސެމްސަންގ ގެ ގްލޯބަލް އިނޮވޭޝަން ސެންޓަރުގެ ނައިބު ރައީސް، ޑޭވިޑް އުން ބުނީ މި އެއްބަސްވުމަކީ ސެމްސަންގެ ފޯނުގެ ވިޔަފާރި ވަރަށް ބާރުމިނެއްގައި ކުރި އަރައިގެން ދާނެ ކަމެއް ކަމަށެވެ.
މި އެއްބަސްވުމުގެ ތަފްސީލަކަށް އެއްވެސް ފަރާތަކުން ނުދެއެވެ. ލޫޕް-ޕޭ ގެ މަސައްކަތް ހަމަ ކުރިއަށް ދާނީ ބޮސްޓަން އިން، ސެމްސަންގެ މައެއްގެ ގޮތުގައެވެ.

މިހާތަނަށް ލޫޕް-ޕޭ ގެ ހިދުމަތް ފޯރުކޮށްދޭ ހިދުމަތްތައް ލިބެންހުރީ ވަކީން އައިފޯނަށާއި އެންޑްރޮއިޑް ގެ ފޯނުތަކަށް އެޅޭގޮތަށެވެ. ނަމަވެސް ސެމްސަންގް އާއި ގުޅުމުން ބިލްޓްއިން ސޮފްޓްވެއާ އެއްގެ ގޮތުގައި ހިދުމަތް ފުޅާވެގެން ދާނެއެވެ. ސެމްސަންގް ނޫން ފޯނުތަކަން ހިދުމަތް ދިނުމާ މެދު ވަކިއެއްޗެއް ލޫޕް-ޕޭ އަކުން ނުބެނެއެވެ.