20 Feb 2015, 23:03
ދިވެހިރާއްޖޭގެ މުޅި ތައުލީމީ ދާއިރާ "ދިވެހިންގެ އަތްމަށްޗައް" ދޫކޮށްލުމަކީ މިއަދުގެ ސަރުކާރުން ގެންގުޅޭ ވަރަށް ބޮޑު ވިސްނުމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވެއްޖެ އެވެ.
ސަން ޓީވީގެ "ފަންސާސް މިނެޓު" ޕްރޮގުރާމުގައި މިރޭ ވާހަކަފުޅުދައްކަވަމުން ނަޒީރު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ދިވެހިން ލައްވައި މުޖުތަމައުއަށް ބޭނުންވާ މީހުން ބިނާކުރުން ކަމަށެވެ. މިނިސްޓްރީން ފަށާފައިވާ 2000 ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގުރާމްގެ ދަށުން ޓީޗަރުން ތަމްރީން ވެގެންދާއިރު ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ވެގެންދާނީ ދިވެހިން ކަމަށެވެ.
"އޭރުން މި އުފެދެނީ ވަޒީފާތަކެއް ދެއްތޯ. އޭރުން ދިވެހިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ވެގެންދާނެ،" ނަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ ތައުލީމީ ދާއިރާއަށް މިހާ ދުވަސްވެގެން ދިޔައިރު ތައުލީމީ ދާއިރާގެ ސިސްޓަމްގެ ތެރޭގައި ތިބި ޓީޗަރުން އަބަދުވެސް ދެމިގެންވާ ގޮތެއްގައި އެ މީހުންގެ ފަންނު އިތުރުކޮށް ދުނިޔެއަށް އަންނަ ބަދަލުތަކާއި އެއްގޮަތަށް އަހުލުވެރިވާން ޖެހޭ ކަމަށެވެ.
"އިއްޔެގައި އަޅުގަނޑުމެންގެ ކްލާސްރޫމުގައި ހުރި ކުއްޖާއަށް ނޭނގޭ އެއްޗެއް މާދަމާ އަޅުގަނޑުމެން އެބަޖެހޭ ކިޔަވައިދޭން. އެ ކިޔަވައިދޭން ޖެހޭއިރު އެއްކަލަ ޓީޗަރު އެއަށް އަހުލުވެރިވީމާ އޭގެ ފުރިހަމަ މާނައިގައި މިދެންނެވި ކުއްޖާއަށް އުނގަންނައި ދެވެނީ ދެއްތޯ،" ނަޒީރު ވިދާޅުވި އެވެ.
މީގެކުރިން ސެޓްފިކެޓު ލެވެލް ހަތަރެއް އޮންނަ މީހަކަށް ޓީޗަރަކަށް ވެވޭ އުސޫލަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ނަޒީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ތައުލީމީ ދާއިރާގައި ވެސް "މިނިމަމް" ސްޓޭންޑަޑެއް ކަނޑައަޅަންޖެހޭ ކަމަށެވެ.
"އެހެންނަމަވެސް މިހާރު މިގައުމު މިއޮތް ހާލަތަށް ބަލާއިރުގައި އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ކްލާސް ރޫމަށް ވަންނަ ކޮންމެ ޓީޗަރަކު އެންމެ ދަށްވެގެން ޑިޕްލޮމާ ފެންވަރަށް އިލްމު އުނގެނިފައި ހުންނަންޖެހޭނެ ކަމަށް. އެއީ ތަހުޒީބު މުޖުތަމައުގައި އެދަނީ ބައެއް ގައުމުތަކުގައި މާސްޓާސް ޑިގްރީ އަކީ އެއީ ކުލާސް ރޫމުގައި ޕްރެކްޓިސް ކުރާ ޓީޗަރުގެ ހުންނަ މިނިމަމް ކޮލިފިކޭޝަން ގޮތަށް،" ނަޒީރު ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ، ޓީޗަރުންގެ ގާބިލުކަން އިތުރު ކުރަން އެބަޖެހޭ ކަމަށެވެ.
ޑރ. ނަޒީރު މިހެން ވިދާޅުވެފައިވާއިރު މިދިޔަ ބުރާސްފަތު ދުވަހު ވަނީ ޑިޕްލޮމާ ނެތް މުދައްރިސުން އެ ފެންވަރަށް ގެނައުމަށް ހިންގާ ޚާއްސަ ޑިޕްލޮމާ ކޯސް މާލެ ހިމެނޭ ގޮތަށް 15 ރަށެއްގައި ފަށާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން އަލަށް ތައާރަފްކުރި އޮނިގަނޑުގައިވާގޮތުން މިއަހަރުގެ ނިޔަލަށް ޑިޕްލޮމާ ނަހަދާ ޓީޗަރުން ވަޒީފާއިން ވަކިކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މިއަދު ހިންގަން ފެށި ކޯހުގައި މިހާރު ދާއިމީ ވަޒީފާގައި ތިއްބެވި 1236 ޓީޗަރުން ވަނީ ބައިވެރިވެފައެވެ.