20 Feb 2015, 22:14
ސްރީލަންކާގެ އާ ސަރުކާރުން އެ ގައުމުގެ އާމީ ޗީފް ބަދަލުކޮށް އެ މަގާމަށް އެހެން ބޭފުޅަކު އައްޔަންކޮށްފި އެވެ.
ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންގްހާގެ ނޮމިނީއެއްގެ ގޮތުގައި ރައީސް މައިތިރި ޕާލާ ސިރިސޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މޭޖާ ޖެނެރަލްގެ ރޭންކްގައި ހުންނެވި ކްރިޝާންތާ ޑިސިލްވާ އެވެ.
ލަންކާގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ ކޮލަމްބޯ ގެޒެޓުން މިއަދު ބުނީ ރައީސް މައިތިރިޕާލާ ސިރިސޭނާގެ އިރުޝާދުގެ ދަށުން މިހާރު އެ މަގާމުގައި ހުންނެވި އާމީ ޗީފް، ލެފްޓިނެންޓް ޖެނެރަލް ޑަޔާ ރަތުނަޔަކަ ބަދަލުކޮށް، އެ މަގާމަށް ޑިސިލްވާ އައްޔަން ކުރައްވާފައިވާ ކަމަށެވެ. އޭނާ އެ މަގާމު އަދާކުރައްވަން ފައްޓާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ.
ޑިސިލްވާ ހުރީ ރާޖަޕަކްސާގެ ސަރުކާރުން، ރަޝާގައި ހުންނަ ލަންކާ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރަކަށް މިދިޔަ އަހަރު މޭ މަހު ފޮނުވާލައިފަ އެވެ. އަދި އޭނާ އަކީ އެގޮތަށް އެމްބަސީއަކަށް ފޮނުވާލި ހަމަ އެކަނި އޮފިސަރެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ރާޖަޕަކްސާގެ ރީ އިލެކްޝަންގައި ބައިވެރިވެފައެއް ނުވެ އެވެ.
ސަރަތު ފޮންސޭކާ ރައީސަށް ޕްރެޝަރު ކުރައްވަމުން ދިޔައީ، އާމީ ޗީފަކަށް މޭޖާ ޖެނެރަލް މަހޭސް ސެނަނަޔަކަ ހަމަޖެއްސުމަށެވެ. ނަމަވެސް ސިޔާސީ މުހައްލިލުން ބުނާ ގޮތުން އޭރުން އޭނާ ވާނީ މިހާރު ސިޔާސީ މީހެއްގެ ގޮތުގައި ހުންނެވި ފޮންސޭކާގެ ޕްރޮކްސީއަކަށެވެ. އަދި މިހާރު ވެސް އާމީގެ މަތީ މަގާމުތަކުގައި ތިބީ ފޮންސޭކާގެ ކޮންޓްރޯލް އޮންނަ އޭނާގެ މަދަދުގާރުން ކަމަށެވެ.
އާ އާމީ ޗީފަކަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގްހާގެ ނޮމިނީއަކު އައްޔަން ކުރުމުން އޭނާގެ ބާރުވެރިކަމެއް އާމީގެ ތެރޭގައި އޮތް ކަމަށް ބެލެވިދާނެ އެވެ. އެކަމަކު ޑައިރެކްޓާ އޮފް އޮޕަރޭޝަންސް އާއި މިލިޓަރީ ސެކްރެޓަރީއަކީ ފޮންސޭކާ އަށް ވަފާތެރިންނެވެ.