14 Feb 2011, 18:12
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ގާނޫނުގެ ދަށުން ގައުމީ ޔުނިވާސިޓީ މާދަމާ އުފައްދާތީ، މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންގެ 400 އަށް ވުރެ ގިނަ މުވައްޒަފުން ސިވިލް ސާވިސް އިން ވަކިކޮށް، އެ މުވައްޒަފުން ޔުނިވާސިޓީގެ މުވައްޒަފުންގެ ގޮތުގައި މާދަމާއިން ފެށިގެން ބަދަލުކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް ކޮލެޖުން ބުނެފި އެވެ.
ކޮލެޖްގެ ވައިސް ރެކްޓާ ހުސެއިން ހަލީމް މިއަދު ވިދާޅުވީ ރައީސް ނަޝީދު މާދަމާ ގައުމީ ޔުނިވާސިޓީ އުފައްދާއިރަށް ކޮލެޖްގެ ހުރިހާ ސިވިލްސާވަންޓުން ޔުނިވާސިޓީގެ މުވައްޒަފުންނަށް ބަދަލުވާނެ ކަމަށެވެ. އަދި އެއްވެސް މުވައްޒަފެއް އިސްތިސްނާ ކުރުމެއްނެތި ލިބެމުން އައި އިނާޔަތްތަކާއި މުސާރަ ވެސް ދޭނީ ޔުނިވާސިޓީން ކަމަށެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު އަމަލު ކުރަން ފެށި ޔުނިވާސިޓީގެ ގާނޫނުގެ ދެ ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ގާނޫނަށް އަމަލު ކުރަން ފަށާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި "ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ" ގާއިމް ކުރެވޭނެ ކަމަށެވެ. އެ ގާނޫނުގެ 46 ވަނަ މާއްދާގައި ބުނެފައި ވަނީ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ކޮލެޖުގެ މުވައްޒަފުން ވާނީ ސިވިލް ސާވިސްގައި ނުހިމެނޭ ޔުނިވާސިޓީގެ މުވައްޒަފުންނަށް ކަމަށެވެ. ހަމައެއާ އެކު ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ކޮލެޖުގެ ދަރިވަރުން ވެސް ވަނީ ޔުނިވާސިޓީގެ ދަރިވަރުންނަށެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ފަހުމީ ހަސަން ކުރިން ވިދާޅުވެފައިވަނީ ޔުނިވާސިޓީގެ މުވައްޒަފުންނަކީ ސިވިލް ސާވިސްއާ ވަކި ބައެއްގެ ގޮތުގައި ހަމަޖެހިގެންދިއުން އެ ކޮމިޝަނުން އިއުތިރާޒް ނުކުރާ ކަމަށެވެ. އަދި ވިދާޅުވީ އެއީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް ކަންތައް ކުރަމުން އަންނަ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.