ތިމާވެށީގެ ދާއިރާއިން އަގުހުރި މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ "ފެހިފަތް" އިނާމަށް ނަންހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެންވަޔަރަމަންޓު މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ފެހިފަތް އިނާމަށް ނަންހުށަހެޅުމުގެ ފުރުސަތ،ު މި މަހުގެ 22 އިން ފެށިގެން އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަވާ ކަމަށެވެ.

މި އިނާމަށް ކުރިމަތިލެވޭ ފަރާތްތަކުގެ ތެރޭގައި އަމިއްލަ ފަރާތްތައް، ވަކިވަކި ފަރުދުންނާއި ޖަމިއްޔާ ޖަމާޢަތްތަކާއި ވިޔަފާރިތައް ހިމެނެ އެވެ. އަދި ހަމައެއާއެކު ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން ސްކޫލްތައް، ކޮލެޖްތައް، ޔުނިވަރސިޓީތަކަށް ވެސް ފެހި ފަތް އިނާމަށް ކުރިމަތިލެވޭނެ ކަމަށް އެންވަޔަރަމަންޓު މިނިސްޓްރީން މައުލޫމާތުދެ އެވެ.

ފެހިފަތް އިނާމަށް ކުރިމަތިލެވޭ ދާއިރާތަކުގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓާއި ވޯޓަރ ކޮންޒަރވޭޝަން އެންޑް މެނޭޖްމަންޓާއި ހޭޅިފަށް ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ ދާއިރާއާއި ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމުގެ ދާއިރާ ހިމެނެ އެވެ. އަދި އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރުމާއި މުޖުތަމަޢަށް ފައިދާ ކުރުވަނިވި މިންވަރަކަށް ގަސް އިންދައި ފޯރުކޮށްދިނުމާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރި ކުރުމުގެ އިތުރުން ތިމާވެށީގެ ދާއިރާއިން ރިސާޗު ކުރުމުގެ ދާއިރާ ވެސް ހިމެނެ އެވެ.

ފެހިފަތް އިނާމަށް ނަން ހުށަހެޅުމަށް ފޯމު ފުރިހަމަ ކުރާއިރު ތިމާވެށީގެ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތައް ސާބިތުކޮށްދެވޭނެ ފަދަ ހެކި ހުށަހަޅުއްވަންޖެހޭނެ ކަމަށް އެންވަޔަރަމަންޓު މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

ފެހިފަތް އިނާމަށް ހުށަހަޅާ މަސައްކަތުގެ ޚުލާޞާއެއް ފޯމުއާއެކު ހުށަހަޅަންވާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެންވަޔަރަންމަންޓު މިނިސްޓްރީން ބުނީ ފެހިފަތް އިނާމަށް އިންސާފުކޮށް ޝޯޓްލިސްޓް ކުރާނީ ކަމާބެހޭ ފަންނީ މުވައްޒަފުންގެ ތެރެއިން އެކުލަވައިލާ، ފަންނީ ކޮމިޓީއަކުން ކަމަށެވެ. އަދި ފަންނީ ކޮމިޓީން ޝޯޓްލިސްޓު ކުރާ 5 ފަރާތުގެ ނަން ސޯޝަލް ކައުންސިލަށް ހުށަހެޅޭނެ ކަމަށާއި ޝޯޓްލިސްޓުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފެހިފަތް އިނާމު ދޭނެ ފަރާތްތައް ކަނޑައަޅާނީ ސޯޝަލް ކައުންސިލުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފެހިފަތް އިނާމަކީ ތިމާވެށީގެ ދާއިރާއިން އަގުހުރި މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމެކެވެ.

ފެހިފަތް ދިނުމުގެ މައިގަނޑު މަގުސަދަކީ އެކިގޮތް ގޮތުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އެކިމަސައްކަތްކޮށްފައިވާ ފަރާތްތައް ފާހަގަކޮށް އެފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި ހިތްވަރު ދިނުމެވެ.

އަދި މިހާރު ތިމާވެށި ޙިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ރަށާއި އަތޮޅު، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބާރުއަޅައި، މިހާރު ތިމާވެށްޓަށް އެކިގޮތްގޮތުން ޚިދުމަތް ކުރާ ފަރާތްތައް އެގޮތުގައި ދެމިތިބުމަށް ހިތްވަރުދިނުމެވެ.

މީގެ އިތުރުން ތިމާވެށީގެ ދާއިރާއިން މަސައްކަތް ކުރާ ފަރާތްތައް އިތުރުކޮށް، އަލަށް ނުކުންނަ ފަރާތްތަކުގެ މަސައްކަތްތައް ހަރުދަނާކުރުމަކީ ވެސް މި އިނާމު ދިނުމުގެ ބޭނުމެކެވެ.