މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ އާންމު ހިއްސާދާރުންގެ ފަރާތުން އެ ކުންފުނީގެ ބޯޑު އޮފް ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވައިލައި އެކުންފުނިން އިއްޔެ ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ "ބޯޑް ޑިރެކްޓަރު ކަމުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ އެމްޓީސީސީގެ ހިންގާ ގަވާއިދުގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ" އަދި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ފަރާތުން އާންމުކުރައްވާފައިވާ، "ފިޓް އެންޑް ޕްރޮޕަރ މިންގަނޑުތަކުގެ ގައިޑްލައިން" އަށް ފެތޭ ފަރާތްތަކަށް ވާންޖެހޭނެ ކަމަށެވެ.

އެމްޓީސީސީގެ ހިންގާ ގަވާއިދުގެ 74 ވަނަ މާއްދާގައި ބުނެފައި ވާގޮތުން ބޯޑަށް ކުރިމަތިލާ މީހެއްގެ ތަޖުރިބާ ހުރުމާއި ވައްކަން، މަކަރާއި ޙީލަތް، ފައިސާއަށް ޚިޔާނާތްތެރިވުން، ފައިސާ ގެންގުޅުމުގައި ނޭދެވޭ ގޮތްތަކަށް ޢަމަލުކުރުން، ފައިސާ އަމާނާތެއްގެގޮތުގައި ހަވާލުވެހުރެ ޚިޔާނާތްތެރިވުން، ރިޝްވަތު ފަދަ ކަމެއްގެ ކުށެއް ނުވަތަ އެނޫންވެސް މައްސަލައެއް ސާބިތުވެފައިނުވުމާއި، ދިވެހިރާއްޖޭގައި ނުވަތަ އެހެންވެސް ޤައުމެއްގައި އިފްލާސް ކުރެވިފައިނުވުން އަދި އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް ނެތުމުގެ އިތުރުންވެސް ގިނަ ޝަރުތުތަކެއް ހިމެނެ އެވެ.

އެމްޓީސީސީގެ އާންމު ހިއްސާދާރުންގެ ފަރާތުން ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލަ ފަރާތްތަކަށް އެކަމަށް އެދި ހުށަހަޅާ ފޯމު، ކޯޕަރޭޓް ޑިޕާޓްމަންޓް، އެމްޓީސީސީ ހެޑް އޮފީސް، އެމްޓީސީސީ ޓަވަރު، 7 ވަނަ ފަންގިފިލާ، އިން ލިބެން ހުންނާނެ ކަމަށާއި އަދި އެމްޓީސީސީގެ ވެބްސައިޓް www.mtcc.com.mv އިން ވެސް އެފޯމް ޑައުންލޯޑް ކުރެވޭނެކަމަށް އެއިއުލާނުގައި ވަނީ ބުނެފަ އެވެ.