20 Feb 2015, 19:32
ސްކޫލްތަކުގައި ތައުލީމް ހާސިލްކޮށް ނިންމާ އެންމެ މޮޅު ދަރިވަރުނަކީ އެސްޓީއޯގެ މުވައްޒަފުންނަށް ހެދުމަކީ އެ ކުންފުނިން ކުރާ އުންމީދެއް ކަމަށާއި އެސްޓީއޯގެ ޓީމާ ގުޅިގެން ކުރިއަށް ދިޔުމަށް ސްކޫލްތަކުގެ ދަރިވަރުންނަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ގޮވާލައްވައިފި އެވެ.
އެސްޓީއޯ އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން މާލޭގެ ގިނަ ސްކޫލްތަކެއްގެ ބޭންޑުތައް އެއްކޮށް މިއަދު ހަވީރު ކުރިއަށް ގެންދިޔަ "ސްކޫލް ބޭންޑް ފެސްޓިވަލް" ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ އެސްޓީއޯ އަކީ ކޮންމެ "މޮޅު ކުއްޖަކަށް" ވެސް ކުރިއަށް ދެވޭނެ ކުންފުންޏެއް ކަމަށެވެ.
"އެސްޓީއޯ އަށް ގުޅުމަށްފަހު އެކުދިންނަށް ސްކޯލާޝިޕްތައް ލިބިގެންދާނެ. އަދި އެކުދިންނަކީ ގައުމުގެ ލީޑާޝިޕްގެ ގޮތުގައި ތައްޔާރުކުރެވިގެންދާނެ ކަމީ އަޅުގަނޑުމެން ޝައްކުކުރާ ކަމެއް ނޫން،" އާޒިމް ވިދާޅުވި އެވެ.

އެސްޓީއޯއިން ބޭނުންވަނީ ގައުމުގައި ތިބި އެންމެ މޮޅު ކުދިންގެ ހިތްތަކުގައި އެ ކުންފުންޏާ މެދު ލޯބި އުފެއްދުން ކަމަށާއި އެ ކުންފުނީގެ އުންމީދަކީ އެފަދަ ކުދިން އެސްޓީއޯގެ މުއައްޒަފުންގެ ގޮތުގައި ހަރަކާތްތެރިވާ ތަން ދެކުން ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ އުންމީދު ހާސިލް ކުރުމަށް މިހާރުވެސް މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި ރާއްޖޭގައި ތިބި އެންމެ މޮޅަތި ކުދިން އެސްޓީއޯގެ ޓީމާ ގުޅުވަން މަސައްކަތް ކުރައްވާ ކަމަށެވެ.
އެސްޓީއޯގެ މުއައްޒަފަކަށް ވުމުގެ އަޒުން ކޮންމެ ދަރިވަރަކުން ވެސް ކަނޑައެޅުމަށް އެދޭ ކަމަށާއި ކުރިއަށް އޮތް ތާނގައިވެސް މާލޭގެ އަދި އަތޮޅުތަކުގެ ސްކޫލްތަކާ ގުޅިގެން ގިނަ ހަރަކާތްތަކެއް އެ ކުންފުނިން ކުރިއަށް ގެންދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެގޮތުން ކުރިއަށް އޮތް ތާނގައި މިއަދު ބޭއްވި ފަދަ "ބްރާސް ބޭންޑް" ހަރަކާތްތައް ބާއްވާނެ ކަމަށާއި އެ ހަރަކާތްތަކުން އެއްވަނައަށް ދާ ސްކޫލަކަށް 100،000 ރުފިޔާ ހުށަހަޅާ ކަމަށެވެ.
