މާލޭގެ ތިން ސަރަހައްދަކުން ވިއްކަމުންދިޔަ ގިނައަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ އެކަމުގެ ތުހުމަތުގައި ދެ މީހަކާއި 18 އަހަރުން ދަށުގެ ދެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ރޭ ހައްޔަރުކޮށްފައި ވަނީ 17 އަހަރުގެ އަންހެން ކުއްޖަކާއި 15 އަހަރުގެ ފިރިހެން ކުއްޖަކާއި 18 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެއް ކަމަށެވެ. މިމީހުންގެ ތެރެއިން 28 އަހަރުގެ މީހަކީ ބަނގުލަދޭޝް މީހެއް ކަމަށާއި ދެންތިބީ ދިވެހިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެތަކެތި އަތުލައިގެންފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ހ. ޒާ ގެސްޓް ހައުސް ބަލައި ފާސްކުރުމަށްފަހު ލިބުނު މައުލޫމާތުގެ އަލީގައި މާލޭގެ އިތުރު ދެ ސަރަހައްދަކާއި އިތުރު ގެއެއް ބަލައިފާސްކޮށް އެތަންތަނުންނެވެ.

އެގޮތުން ހ. ޒާ ގެސްޓްހައުސް ކޯޓުއަމުރެއްގެ ދަށުން ބަލައި ފާސްކޮށް އެތަނުން 50 ގްރާމުގެ މަސްތުވާތަކެތި އަތުލައިގަނެ 17 އަހަރުގެ އަންހެން ކުއްޖާ އާއި 15 އަހަރުގެ ފިރިހެން ކުއްޖާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެއަށްފަހު އެކުދިންނަށް މަސްތުވާތަކެތި ފޯރުކޮށްދޭކަމަށް ތުހުމަތު ކުރެވޭ 18 އަހަރުގެ ފިރިހެން މީހާ ހުރިކަމަށް ބެލެވޭ ސަރަހައްދު ބަލައި ފާސްކޮށް އޭނާގެ އަތުން ހަ ރަބަރު ޕެކެޓާއި ހަތަރު ސެލޯފިން ކޮޅުގެ އިތުރުން އޭނާ ހުރި ހިސާބު އިތުރަށް ބަލައި ފާސްކުރުމުން އެތަނުން މަސްތުވާތަކެތި ހުރިކަމަށް ބެލެވޭ 10 ރަބަރު ޕެކެޓާއި 29 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭގަފަހުން 18 އަހަރުގެ ފިރިހެން މީހާއަށް މަސްތުވާ ތަކެތި ހޯދައިދޭކަމަށް ތުހުމަތު ކުރެވޭ ބަނގްލަދޭޝް މީހާ ހުރި ސަރަހައްދަށް ގޮސް އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު 50 ގްރާމް މަސްތުވާތަކެތި އޭނާގެ އަތުން ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. އެއަށްފަހު އޭނާ ދިރިއުޅުނު ކޮޓަރިއާއި ގެންގުޅުނު ތަކެތި ބަލައި ފާސްކޮށް އެއް ކިލޯ 300 ގްރާމުގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި 17 އަހަރުގެ އަންހެން ކުއްޖާއަކީ މީގެކުރިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ފަސް ފަހަރު ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކުއްޖެއް ކަމަށެވެ. އަދި 15 އަހަރުގެ ފިރިހެން ކުއްޖާ އަކީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ހައްޔަރުކޮށް 12 ފަހަރު ހުއްޓުވައި ސުވާލުކޮށް އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ޚިލާފުވެގެން ހަތަރު ފަހަރު ފިޔަވަޅު އަޅާފައިވާ ކުއްޖެއް ކަމަށާއި 18 އަހަރުގެ ފިރިހެން މީހާއަކީ 27 ފަހަރު ބަލައި ފާސްކޮށް އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ޚިލާފުވެގެން ފިޔަވަޅު އަޅާފައިވާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.