20 Feb 2015, 16:34
ފާއިތުވި އަހަރު ރާއްޖޭގެ މައިގަނޑު ސިނާއަތްތައް ކުރިއަރާފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭއިން ކޮންމެ ތިން މަހުން އެއްމަހު ނެރެމުން އަންނަ ކުއާޓަލީ ރިޕޯޓްތަކަށް ބަލާއިރު ފަތުރުވެރިކަމާއި އިމާރަތްކުރުމާއި އުފެއްދުމުގެ ވިޔަފާރިއާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ސިނާއަތް ވަނީ ކުރިއަރާފައެވެ.
އެމްއެމްއޭގެ މި ރިޕޯޓް ހާމަކޮށްފައި ވަނީ ބޮޑެތި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ތެރެއިން 158 ފަރާތަކަށް ސާވޭއެއް ފޮނުވަމަށް ފަހު ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.
ސާވޭއަށް ބިނާކޮށް އެމްއެމްއޭއިން ނެރެފައިވާ ފާއިތުވި އަހަރުގެ އެއްމެ ފަހު ތިންމަސް ދުވަހު ރާއްޖޭގެ ސިނާއަތްތައް ކުރިއަރާފައިވާ ގޮތް ހިމަނާފައިވާ ރިޕޯޓް ދައްކާ ގޮތުން ފާއިތުވި އަހަރުގެ ފަހު ކުއާޓާގައި އެއްމެ ބޮޑު ކުރިއެރުމެއް ހޯދާފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނެވެ. އެގޮތުން 2014 ވަނަ އަހަރުގެ ތިންވަނަ ކުއާޓާ އާއި އަޅައިބަލާއިރު އެ އަހަރުގެ ފަހު ކުއާޓާގައި މި ސިނާއަތުން ލިބުނު އާމްދަނީ 43 އިއްސައްތަ ކުރިއަރާފައިވާ ކަމަށް މި އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ހަމަ އެއާއި އެކު މި މުއްދަތުގައި މުވައްޒަފުންނަށް ކުރާ ޚަރަދު އިތުރުވެރިފައިވާ ސާވޭގައި ބައިވެރި ފަރާތްތަކުން ބުނެފައިވެއެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރާނެ ކަމަށްވެސް ރިޕޯޓްގައި ވެއެވެ.
އިމާރާތްކުރުމުގެ ސިނާއަތަށް ބަލާއިރު މި ސާވޭއަށް މައުލޫމާތު ދިން ފަރާތްތަކުގެ ތެރެއިން 42 އިއްސައްތަ ބުނެފައިވަނީ އިމާރަތްކުރުމަށް ލިބޭ އޯޑަރުތައް އިތުރުވެފައިވާ ކަމަށެވެ. އަދި މި ދާއިރާގެ މުވައްޒަފުންގެ މުސާރައާއި އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އިތުރުވެފައިވާ ކަމަށް މި ރިޕޯޓް ބުނެއެވެ.
ހޯލް ސޭލް އަދި ރީޓެއިލް ވިޔަފާރިއަށް ބަލާއިރު 55 އިއްސައްތައިގެ ކުރިއެރުމެއް އައިސްފައިވާ ކަމަށް މި ރިޕޯޓްގައިވެއެވެ. މީގެ އިތުރުން ސާވޭގައި ބައިވެރި ފަރާތްތަކުގެ ތެރެއިން 22 އިއްސައްތަ ފަރާތުން އަގުތައް ބޮޑުކޮށްފައިވާ ކަމަށް މި ރިޕޯޓްގައިވެއެވެ.
އުފެއްދުމުގެ ދާއިރާ ނުވަތަ މެނުފެކްޗަރިންގެ ދާއިރާއަށް ބަލާއިރު ޖުމަލަގޮތެއްގައި މުދާ އުފައްދާފައިވާ މިންވަރު ވަނީ އިތުރުވެފައެވެ. އެހެންނަމަވެސް އާ އޯޑަރު ލިބުމުގެ ނިސްބަތް މަދުވެފައިވާ ކަމަށް މި ރިޕޯޓުން ދައްކައެވެ.