އަންހެން ކަނބަލުންގެ އަގުވައްޓާލުމަށް އެކަނބަލުންގެ އިއްފަތްތެރިކަމަށް އަރައިގަތުމަކީ އިސްލާމްދީން މަނާ ކުރާ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ކަމެއްކަމަށާއި އެފަދަ ކަންކަމުން ދުރުހެލިވެ ތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

އަންހެނުންގެ ހައްގުތަކާއި، އިސްލާމުދީނުގައި އަންހެނުން މާތްކުރައްވާފައިވާ ގޮތުގެ ވާހަކަ ބަޔާންކޮށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފައި ވަނީ އަންހެން ކަނބަލުންގެ އަގުވައްޓާލުމަށް އެކަނބަލުންގެ އަބުރާ ބެހުމާއި، ފޮށުން އަދި އަންހެނުންގެ އިއްފަތްތެރިކަމަށް އަރައިގަނެ ނާޖާއިޒު ގޮތުގައި އަންހެނުން ބޭނުންކުރުމަކީ އިސްލާމްދީނުގައި ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ކަމެއްކަމަށެވެ.

"މުސްލިމް އުޚްތުންނަކީ އިސްލާމީީ މުޖުތަމައުގެ ބިނާގެ އެއްބައިކަމުގައި ވާއިރު އަދި އެކަނބަލުން މުސްލިމު ފިރިހެނުންގެ އަނބިންނަށް ނުވަތަ މައިންނަށް، ނުވަތަ އުޚްތުންނަށް ނުވަތަ ދަރިންނަށް ވާއިރު އެކަބަލުންނަށް ގޯނާ ކުރުމުގެ ކުރިން އެކަމާ މެދު ކޮންމެ މުސްލިމް ފިރިހެނަކުވެސް ވިސްނަންޖެހޭނެ" ހުކުރު ޚުތުބާގައި ބުނެފައިވެ އެވެ.

އަންހެން ކުދިންނަކީ އޭނާގެ އުޚުތުންނަށް "ފަހުރެއްކަމުގައި އަދި ގައުމަށް ކަންޒެއްކަމުގައި" ވަނީ އޭނާގެ ދީނަށާއި އޭނާގެ އަގުތަކަށް ރައްކާތެރިވެގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ބުނެފަ އެވެ. އަދި އަންހެނުންގެއަބުރާއި، ޝަރަފު ރައްކާތެރިކޮށްދެއްވުމަކީ އެންމެހައި މުސްލިމުންނަށްވެސް ވާޖިބުކަމެއްގެ ގޮތުގައި މިއަދުގެ ހުތުބާގައި ފާހަގަކުރައްވާފައިވެ އެވެ.

"އިސްލާމް ދީނުގައި އަންހެނުންނަކީ އަގުހުރި ޖަވާހިރެއް، އެއީ ރައްކާތެރިކަން ލިބިފައިވާ ރަންމުތެއް، އެއީ ލޮބުވެތި އިއްޒަތްތެރި މަހުލޫގެއް، އެކަނބަލުންނަކީ ބަތަލުންތަކުގެ އުފެއްދުންތެރިން، ފަހުލަވާނުންނާއި އިލްމުވެރިން ދަސްވެނިކުރުވާ މަދަރުސާތަކެއް،" މިއަދުގެ ހުކުރު ޚުތުބާގައި ވެއެވެ.

އިސްލާމްދީނުގައި އަންހެން ކަނބަލުން އުފަންވާ ދުވަހުންފެށިގެންވެސް ރައްކާތެރިކަން ދެއްވާފައިވާ ކަން ފާހަގަކުރައްވައި އަންހެނުންނަށް އޯގާތެރިވުމަށް އެންމެހާ މުސްލިމުންނަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލާފައި ވެއެވެ.