ލަންޑަން (ފެބްރުއަރީ 20): އަސްކަރީ ބާރު ބޭނުންކޮށްގެން ރަޝިޔާގެ މަސްލަޙަތާ އެއްގޮތަށް ޔޫރަޕްގެ ޗާޓު އަލުން ކުރެހުމަށް ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން މަސައްކަތް ކުރައްވާ ކަމަށް ޔޫރަޕްގެ ބައެއް އިސްވެރިން ތުހުމަތު ކުރައްވައިފި އެވެ.

އަސްކަރީ ބާރުގެ ބޭނުންކޮށްގެން ޔޫރަޕްގެ ޗާޓު އަލުން ކުރެހުމަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ޕޫޓިންގެ މައްޗަށް ކުރެއްވި ވިލާތުގެ ލީޑަރުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ދިފާއީ ވަޒީރު މައިކަލް ފެލޮން އާއި ޔޫރަޕިޔަން ކޮމިޝަންގެ ނައިބު ރައީސް ވެލްޑިސް ޑޮމްބްރޮވްސްކިސް ހިމެނިވަޑައިގަންނަވައެވެ.

ލިޓުއޭނިޔާއަށް ނިސްބަތްވެވަޑައިގަންނަވާ ޑޮމްބްރޮވްސްކިސް ވިދާޅުވީ، ރަޝިޔާއިން ޔުކްރޭންގެ ހަމަޖެހުން ނަގާލައި އެގައުމުގައި ދާޚިލީ ހަނގުރާމައެއް އުފައްދައިފި ކަމަށާއި މިގޮތަށް ބޯލްޓިކްގެ ގައުމުތަކާ ދެކޮޅަށްވެސް އަމަލުކުރަން ޕޫޓިން މަސައްކަތް ކުރައްވާ ކަމުގައެވެ.

ލަންޑަންގައި ކުރިޔަށްދިޔަ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ ރަޝިޔާގައި އުފައްދާ ދުރުރާސްތާގެ އަސްކަރީ މަތިންދާބޯޓުތައް ބޭނުންކޮށްގެން ރަޝިޔާއިން ޔޫރަޕްގެ އެތަށްގައުމެއްގެ ވައިގެ ސަރަހައްދުތަކަށް ވަންނަމުންދާކަމަށާ މިއީ އެގައުމުތަކަށް ބިރުދެއްކުމުގެ އަމަލެއްކަމަށްވެސް ސިފަކުރައްވާފައެވެ.

ޑޮމްބްރޮވްސްކިސް ވިދާޅުވީ، ރަޝިޔާއިން ޔުކްރޭނާއި ޖޯޖިޔާއާ ކްރައިމިޔާއާ ދެކޮޅަށް ބޭނުންކުރި ބިރުދެއްކުމާއި ނުފޫޒު ފޯރުވުމުގެ ޓެކްޓިކްތައް ބޯލްޓިކްގެ ގައުމުތަކާ ދެކޮޅަށްވެސް ބޭނުންކުރަންފަށައިފި ކަމުގައެވެ.

ރަޝިޔާއާ ސަރަހައްދީ ރޮނގުން ގުޅިފައިވާ ބޯލްޓިކްގެ ތިން ގައުމުކަމަށްވާ އިސްޓޯނިޔާ، ލިޓުއޭނިޔާ އަދި ލެޓްވިޔާ އަކީ ޔުކްރޭންއެކޭ އެއްގޮތަށް ރަޝިޔާ އިސްކޮށް އޮވެގެން އުފެއްދި ކުރީގެ ސޮވިއެޓް ޔުނިޔަންގައި ހިމެނުނު ތިންގައުމެވެ. ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމަށްފަހު މިތިން ގައުމުވެސްވަނީ އެމެރިކާ އިސްވެ އޮވެގެން އުފައްދާފައިވާ އަސްކަރީ ޖަމާއަތްކަމަށްވާ ނޭޓޯ ގެ މެންބަރު ގައުމުތަކަށ ހުޅަނގުގެ ނުފޫޒާއެކު ވެގެންގޮސްފައެވެ.

މީގެއިތުރުން ރަޝިޔާއާ ސަރަހައްދީ ރޮނގުން ގުޅިފައިވާ ޔުކްރޭންވެސް ނޭޓޯގެ މެންބަރު ގައުމަކަށް ވުމަށް މަސައްކަތްކުރަމުން ގެންދާތީ މިއީ ރަޝިޔާ ވަށާލައި އަސްކަރީ ގޮތުން ރަޝިޔާ ޙިސާރު ކުރުމަށް އެމެރިކާއާއި ޔޫރަޕުން ރާވާފައިވާ ރޭވުމެއް ތަންފީޒުކުރުމުގެ ފެށުންކަމަށް ރަޝިޔާ ދެކެއެވެ.

ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންއަކީ ވިލާތަށްހުރި ބިރެއްކަމަށް ސިފަކުރައްވަމުން އިނގިރޭސި ދިފާއީ ވަޒީރު މައިކަލް ފެލޮން ވިދާޅުވީ، ރަޝިޔާގެ ބިރު ބޯލްޓިކްގެ ގައުމުތަކަށް އެބައޮތް ކަމަށާއި ރަޝިޔާއިން ބޯލްޓިކްގެ ތިން ގައުމާ ދެކޮޅަށް އެއްވެސް އުދުވާނެއް ހިންގައިފިނަމަ ނޭޓޯ މަޑުން ނޯންނާނެ ކަމުގައެވެ.

ލަންޑަންގައި ނުކުންނަ ދެ ނޫސްކަމަށްވާ ޓައިމްސް އާއި ޑެއިލީ ޓެލެގްރާފް އަށް ދެއްވި ބަސްދީގަތުމެއްގައި ފެލޮން ވިދާޅުވީ ރަޝިޔާއިން ބޯލްޓިކްގެ ގައުމުތަކަށް ބިރުދައްކަނީ ނޭޓޯގެ ރައްދުހުރިގޮތެއް ތަޖްރިބާކުރުމުގެ ގޮތުން ކަމުގައެވެ. ނަމަވެސް މިތަޖްރިބާ ރަޝިޔާއަށް ކާމިޔާބު ނުވާނެ ކަމަށާއި ޔުކްރޭނަށާއި ކްރައިމިޔާ އަށް ހެދިގޮތް ބޯލްޓިކްގެ ގައުމުތަކަށް ހެދުމުގެ ފުރްސަތު ރަޝިޔާއަށް ނުދޭނެ ކަމަށް ފެލޮން ވިދާޅުވިއެވެ. އަދި ބޯލްޓިކްގެ ގައުމުތަކުގެ ދިފާޢުގައި ނޭޓޯގެ އަސްކަރީ ފައިޓަރޖެޓްތައް ވަރަށް އަވަހަށް އެގައުމުތަކަށް ފޮނުވާނެކަމަށްވެސް ފެލޮން ވިދާޅުވިއެވެ.

ރަޝިޔާއިންވަނީ ވިލާތުގެ ލީޑަރުންގެ މިވާހަކަތަކަކީ މުޅިން ދޮގު އަދި ހަގީގަތާ ޚިލާފު ވާހަކަތަކެއްކަމަށް ސިފަކޮށްފައެވެ. ރަޝިޔާގެ ޚާރިޖިއްޔާގެ ތަރްޖަމާން އެލެގްޒެންޑަރ ލުކަޝިވެޗް ވިދާޅުވީ، އިނގިރޭސި ދިފާއީ ވަޒީރު މައިކަލް ފެލޮން އާއި ޔޫރަޕިޔަން ކޮމިޝަންގެ ނައިބު ރައީސް ޑޮމްބްރޮވްސްކިސް، ޑިޕްމެޓިކް އަޚްލާގާއި އިންތަކުން ބޭރުވެވަޑައިގެންފި ކަމުގައެވެ. މިފަދަ ހަރުކަށި ވިސްނުން ގެންގުޅުއްވާ ވިލާތުގެ ލީޑަރުން މައިތިރި ކުރަންޖެހޭ ކަމަށްވެސް ރަޝިޔާގެ ޚާރިޖިއްޔާގެ ތަރްޖަމާން ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)