ވެރިކަމުގައި ހުންނަވައިގެން ރައްޔިތުންގެ އަސާސީ ހައްގުތައް ގެއްލުވާލި ކަމަށް ތުހުމަތުކޮށް ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ މައްޗަށް ކޮށްފައިވާ ދައުވާއަކާ ގުޅިގެން އޭނާ އެގައުމުގެ ސުޕްރީމް ކޯޓަށް ހާޒިރުވުމުގެ އަމުރެއް ނެރެފި އެވެ.

ބައިނަލްއަގްވާމީ ހަބަރުފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި ރާޖަޕަކްސަ އެގައުމުގެ އެންމެ މަތީ ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ނެރެފައިވަނީ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަދި ފްރޮންޓްލައިން ސޯޝަލިސްޓް ޕާޓީ (އެފްއެސްޕީ)ގެ ލީޑަރު ދުމިންދާ ނަވަގަމުވާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ޕެޓިޝަނަކާ ގުޅިގެންނެވެ.

ޒިންހުއާ އާ ހަވާލާދީ ފަސްޓްޕޯސްޓްގައި ބުނެފައިވަނީ، ލަންކާގައި މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓަށްފަހު، ރައްޔިތުންގެ އަސާސީ ހައްގުތައް ގެއްލޭފަދަ ގޮތަކަށް ގާނޫނީ އިމުން ބޭރުން އެގައުމުގެ ސަލާމަތީ ބާރުތައް ގައުމުގެ އެކި ކަންކޮޅުތަކުގައި ރުކުރުވާލައި ރައްޔިތުންނަށް ބިރުދެއްކުމުގެ އަމަލު ހިންގަވާފައިވާ ކަމަށް ދުމިންދާ ތުހުމަތުކުރައްވާފައިވާ ކަމަށެވެ.

ދުމިންދާ ހުށަހެޅުއްވި ޕެޓިޝަންގައި ވަނީ، ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސަށް ލިބިފައިވަނީ ގައުމަށް ކުއްލިހާލަތެއް ދިމާވާ ދަނޑިވަޅެއްގައި އާންމުންނަށް ކުރިމަތިވެދާނެ ނުތަނަވަސްކަމަކުން ސަލާމަތްކުރުމަށް ގައުމުގެ އެކި ކަންކޮޅުގައި ސަލާމަތީ ލަޝްކަރުތައް ރުކުރުވުމުގެ ބާރު ކަމަށެވެ.

އެގޮތުން ރާޖަޕަކްސަ ވަނީ، ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަނެފައިކަމަށް ދުމިންދާގެ ޕެޓިޝަންގައި ބުނެފައިވެއެވެ.

އަސާސީ ހައްގުތަށް ނިގުޅައިގެންފައިވާ ކަމަށް ބުނެ ދުމިންގާ ހުށަހެޅުއްވި ޕެޓިޝަނާ ގުޅިގެން އަންނަ މާޗްމަހުގެ 31ގައި ރާޖަޕަކްސަ ސުޕްރީމް ކޯޓަށް ހާޒިރުވުމުގެ އަމުރު ނެރުނު ތިން ފަނޑިޔާރުންގެ ބެންޗުގައި އުއްތަމަ ފަނޑިޔާރު ކޭ. ސްރިޕަވަންއާއި ފަނޑިޔާރު ޕްރިޔަސަތު ޑެޕްއާއި ފަނޑިޔާރު އޭވާ ވަނަސުންދޭރާ ހިމެނެއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު ލަންކާގައި ބޭއްވި ރިޔާސީ އިންތިހާބުގައި، މިހާރުގެ ރައީސް މައިތުރިޕާލަ ސިރިސޭނާ އާ ވާދަކުރައްވައި އިންތިހާބުން ބަލިވެވަޑައިގެންނެވުމުން، ސަލާމަތީ ބާރުތަކުގެ ބޭނުންކޮށްގެން ބަގާވާތެއް ގެނެސް ވެރިކަމުގައި ހުންނަވަން މަސައްކަތްކުރެއްވި ކަމުގެ ތުހުމަތުވެސް ރާޖަޕަކްސާގެ މައްޗަށް ކޮށްފައިވެ އެވެ.