14 Feb 2011, 18:00
ސުނާމީއާ ގުޅިގެން ހުޅުމާލޭ ވަގުތީ ހިޔަލުގައި މި ވަގުތު ތިބި މީހުންނަށް ވާނީ އަސާސީ ހުރިހާ ހިދުމަތްތައް ހަމަ ކުރުމާއެކު ބޯހިޔާވަހިކަމުގެ ފުރުސަތު ތަނަވަސްކޮށްދީފައި ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނެފި އެވެ.
ހުޅުމާލޭ ވަގުތީ ހިޔަލުގައި ތިބި ރ. ކަނދޮޅުދޫ، އަލީ ނަސީރާއި އެރަށު އަބްދުއްލަތީފު މޫސާ އާއި ތ. މަޑިފުށީ އަލީ ރަޝީދު ދައުވާ ކުރާ މައްސަލައިގައި ޖަވާބުދާރީވަމުން ބަންޑާރަ ނައިބު އޮފީހުގެ ވަކީލާ އުސާމާ މޫސާ ވިދާޅުވީ އެ ތިން މީހުންގެ ދައުވާއަށް ދައުލަތުން ކަނޑައެޅިގެން އިންކާރު ކުރާ ކަމަށެވެ. އަދި ވިދާޅުވީ އެ ދައުވާގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 23 ވަނަ މާއްދާއިން އެ މީހުން ލިބޭ ހައްގުތައް ދައުލަތުން އުނިކޮށްފައިވާ ކަމަށާއި ނަމަވެސް އެ މާއްދާގައި ބުނެފައި ވަނީ "ދައުލަތުގެ ތަނަވަސްކަމާ ކުޅަދާނަކަން ހުރި މިންވަރަކުން އެ ހައްގުތައް ރައްޔިތުންނަށް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ދައުލަތުން މަސައްކަތް ކުރަންޖެހޭނެ" ކަމަށް ކަމަށެވެ. އެހެންކަމުން އެ ހައްގުތައް ދިނުމަކީ މުތުލަގުކޮށް ދައުލަތުން ކޮށްދޭންޖެހޭނެ ކަމެއް ނޫން ކަމަށާއި ދައުލަތުން ކުރަންޖެހޭނެ ކަމަކީ އެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށް ވަކީލާ ވިދާޅުވި އެވެ.
ވަކީލާ ވިދާޅުވީ ހުޅުމާލޭ ވަގުތީ ހިޔާވަހިކަމުގެ ދަށަށް ސުނާމީއާ ގުޅިގެން ގެނެސްފައި ވަނީ 57 މީހުން ކަމަށެވެ. އަދި އެތަނުން ކަނދޮޅުދޫއަށް ނިސްބަތްވާ މީހުންނަށް ދާއިމީ ހިޔާވަހިކަން ދިނުމުގެ ގޮތުން ފެނާއި ކަރަންޓާއި އަސާސީ އެހެނިހެން ހިދުމަތްތައް ފުރިހަމަކޮށް ރ. ދުވާފަރުގައި 600 ގެ އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދައުވާ ކުރާ ފަރާތްތަކުގެ ތެރެއިން ކަނދޮޅުދޫ ދެ މީހުންނަށް ވެސް ވަނީ ގޯތި އަޅައިދީ ފެނާއި ކަރަންޓުގެ ހިދުމަތް ދިނުމަށްފަހު ގޭގެ ތަޅުދަނޑި ވެސް ރައްދުކޮށްދީފައި ކަމަށް ވަކީލާ ވިދާޅުވި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ދައުވާ ކުރާ މަޑިފުށީ މީހާ ސުނާމީގެ ކުރިން ވެސް ދިރިއުޅެމުން ދިޔައީ އޭނާގެ ބައްޕަގެ ގޭގައި ކަމަށާއި މިހާރު ވެސް އެ ފުރުސަތު އޭނާއަށް އޮތް ކަމަށެވެ. އަދި އޭނާއަށް މަޑިފުށީގައި ވެސް އުޅުމުގެ ފުރުސަތު އޮތް ކަމަށާއި ކޮންމެހެން ހުޅުމާލޭގައި ދިރިއުޅުން ލާޒިމު ނޫން ކަމަށެވެ.
ވަކީލާ ވިދާޅުވީ ކަރަންޓު ކަނޑާލި ކަމަށް ދައުވާގައި ބުނެފައިވީ ނަމަވެސް އެކަން ކޮށްފައި ވަނީ ހުޅުމާލޭ ވަގުތީ ހިޔާތަކުގައި ދިރިއުޅެމުން އައި އެންމެނަށް ތަން ހުސް ކުރުމަށް ނޯޓިސް އެތަކެއް ފަހަރު ދިނުމަށްފަހު ކަމަށެވެ. އެގޮތުން 31 ޖެނުއަރީ، 2009 ގައި ތަން ހުސް ކުރުމަށް އެންގުމުން ހިއުމަން ރައިޓްސް ކޮމިޝަނުން އެއް އަހަރުގެ މުހުތަލެއް ދިނުމަށް އެންގުމުން އެ މުއްދަތު ވެސް ދީފައިވާ ކަމަށް ވަކީލާ ވިދާޅުވި އެވެ. އަދި ޖެނުއަރީ 10، 2010 ގައި ވެސް ތަން ހުސް ކުރުމަށް އަންގައި އެ އެންގުމަށް އަމަލުނުކޮށްފި ނަމަ ކަރަންޓު ކަނޑާލާނެ ކަމަށް ވެސް އަންގާފައިވާނެ ކަމަށް ވަކީލާ ވިދާޅުވި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ވަގުތީ ހިޔާވަހިތަކުން ފެން ކަނޑާލާފައި ވަނީ ފެން ކުންފުނިން ކަމަށާއި އެއީ އެޗްޑީސީން ފެން ބިލު ނުދައްކައިގެން ކަމަށެވެ. އަދި މިހާތަނަށް ފެން ނުދައްކާ ހުރި ފެން ބިލުތަކަށް 198،000ރ. އަރާފައިވާ ކަމަށް ވެސް ބަންޑާރަ ނައިބު އޮފީހުގެ ވަކީލާ ވިދާޅުވި އެވެ.
ނިންމާލަމުން ވަކީލާ ސުވާލުކޮށްފައި ވަނީ އަސާސީ ހުރިހާ ހައްގުތަކާއި ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ދައުލަތުން ދީފައިވާއިރު އެކަންކަން ދައުލަތުން ކޮށްދީފައިނުވާ ކަމަށް ބުނެ ދައުވާ ކުރަނީ ކީއްވެތޯ އެވެ. އަދި އެ ހައްގުތަކަކީ ހަމައެކަނި ހުޅުމާލެއިން ފޯރުކޮށްދޭންޖެހޭ ހައްގުތަކެއް ކަމަށް ދައުވާ ކުރާ ފަރާތްތަކަށް ފަހުމް ވަނީތޯ ވެސް ވަކީލާ ސުވާލު ކުރެއްވި އެވެ.
ދައުލަތަށް ރައްދު ދެމުން ދައުވާ ކުރާ އަލީ ނަސީރު ބުނީ ދައުލަތުން ދައްކާފައި ވަނީ ހުސް ދޮގު ވާހަކަ ކަމަށާއި ގެއެއް ވެސް އޭނާއަށް ދީފައިނުވާ ކަމަށެވެ. އަދި މައްސަލަ ބައްލަވާ އިސް ގާޒީ އަލީ ސަމީރުގެ އަރިހުން އެދުނީ ވަގުތީ ހިޔަލަށް ވަޑައިގެން އެތަނުގެ ހާލު ބައްލަވާލެއްވުމަށެވެ.
މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ ދައުވާ ކުރާ ފަރާތްތަކުގެ ވަކީލާ ވެސް ހާޒިރުވެވަޑައިގަތްވެފައި ނުވާތީ އެ ފުރުސަތު ވެސް ދިނުމުގެ ގޮތުން ކަމަށެވެ.