20 Feb 2015, 14:12
އަންނަ އަހަރުން ފެށިގެން މަތީ ސާނަވީ އިމްތިހާން ކޮންމެ އަހަރެއްގެ އޮކްޓޯބަރު/ނޮވެމްބަރު މަހު ބާއްވަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ކުރިޔަށް ގެންދާ ޓާޝަރީ ލޯން ސްކީމްގެ ދަށުން މިއަހަރު ލޯން ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރުމަށް އިއްޔެ ކުއްލިއްޔާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރުން ފެށިގެން އޭލެވެލް އިމްތިހާން ބާއްވާނީ އޯލެވެލް އިމްތިހާނާ ދިމާކޮށް ކަމަށެވެ. އަދި އެގޮތަށް ނިންމީ، އޯލެވެލް ނިމި އޭލެވެލްއަށް ކިޔަވަން ފެށުމާދޭތެރޭ ދުވަސްކޮޅެއް ނަގާތީ އެކަމާ ދަރިވަރުންނާއި ބެލެނިވެރިން ކަންބޮޑުވާތީ ކަމަށް ވިދާޅުވި އެވެ.
"ސާނަވީ ތައުލީމު ނިންމައި، މަތީ ސާނަވީ ނުވަތަ އޭލެވަލް ކިޔަވާ ކުދިންގެ މައިން ބަފައިން އެންމެ ކަންބޮޑުވާ އެއްކަމަކީ އޯލެވަލް ޓެސްޓަށްފަހު އޭލެވަލް ކިޔަވަން ފެއްޓުމާދޭތެރޭ މިއަންނަ ހައެއްކަމަސް. މިދުވަސްވަރު އެކުދިންގެ ހުސްވަގުތު ގިނަވެ އަދި އެހެނިހެންވެސް ދަތިތަކާ ދިމާވާކަމަށް ބުނަމުންދޭ." މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވި އެވެ.
މިހާރު އަމަލުކުރަމުންދާ އުސޫލުން ނަމަ އޭލެވެލް އިމްތިހާން ބާއްވަނީ ކޮންމެ އަހަރެއްގެ މޭ/ޖޫންގަ އެވެ. އަދި އޯލެވެލް އިމްތިހާން ބާއްވަނީ އޮކްޓޯބަރު/ ނޮވެމްބަރު މަހު އެވެ. އެހެންކަމުން އޯލެވެލް ނިންމައި އެލެވެލަށް ދާ ކުދިންގެ ކިޔެވުން ފަށަނީ މޭ މަހުގެ ތެރޭގައެވެ.
މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، އެ ބަދަލާއެކު ދަރިވަރުންނާއި އާއިލާތަކަށް ވެސް ލުޔެއް ލިބިގެންދާނެ އެވެ.