20 Feb 2015, 12:04
ހަތަރު އަހަރު ވަންދެން އެންމެ ގިނަ ސްނޯމޭން ހަދައިގެން އެމެރިކާ އަތުގައި އޮތް ދުނިޔޭގެ ރިކޯޑް ޖަޕާނުން މުގުރާލައިފި އެވެ.
ޖަޕާނުގެ ނޫހަކާ ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ، އެންމެ ގިނަ ސްނޯމޭން ހެދި ކަމުގެ ދުނިޔޭގެ ރިކޯޑް ޓޯކިޔޯގެ ހުޅަނގު އުތުރުގައި އޮންނަ ލިޔާމާ ސިޓީން ހޯދާފައިވަނީ ގަޑިއެއްގެ އިރުގެ ތެރޭގައި 1585 ސްނޯމޭން ހަދައިގެން ކަމަށެވެ.
"އަހަރެމެން ރިކޯޑް ހެދުމަށްޓަކާ އެއް އަހަރު ކުރިން ފެށިގެން މިއައީ ތައްޔާރުވަމުން،" ލިޔާމާގެ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީގައި ބުނެފައިވެއެވެ.
އެ ރިކޯޑް ގާއިމްކުރުމަށް އެކި އުމުރުފުރައިގެ 600 މީހުން ބައިވެރިވި އިރު، ސްނޯމޭންތައް ހަދާފައިވަނީ ގިނިސް ވޯލްޑް ރިކޯޑުގެ ގަވާއިދާ އެއްގޮތަށެވެ. އެގޮތުން ހަދާ ކޮންމެ ސްނޯމޭން އެއްގެ އިސްކޮޅުގައި ތިން ފޫޓު ހުންނަންޖެހޭއިރު، ކޮންމެ ސްނޯމޭން އެއް ރީތިކޮށް ޒީނަތްތެރިކުރަން ޖެހެއެވެ.
މީގެ ކުރިން 1279 ސްނޯމޭން ހަދައިގެން އެންމެ ގިނަ ސްނޯމޭން ހެދިކަމުގެ ރިކޯޑް އޮތީ އެމެރިކާ އަތުގައެވެ. އަދި އެ ރިކޯޑް ހެދުމުގައި 350 ބައިވެރިވި އެވެ.
"ސްނޯމޭން ހަދާއިރަށް ރޫޅޭތީ ވަރަށް އުދަނގޫވި. އެކަމަކު ވަރަށް މަޖާ،" ސްނޯމޭން ހެދިކަމުގެ ރިކޯޑް ހޯދުމުގައި އާއިލާއާއެކު ބައިވެރިވި އަށް އަހަރުގެ އިޗިކާ އޮގުޗީ ބުންޏެވެ.