ޕާސަނަލް އެސިސްޓެންޓެއްގެ ކިބައިގައި ހުންނާނެ ބައެއް ސިފަތައް އެކުލެވޭގޮތަށް ފުރަތަމަ ފަހަރަށް "އިންޓަރެކްޓިވް" ބުދެއް ކުޑަކުދިންނަށް އަމާޒުކޮށްގެން ތައްޔާރު ކުރަމުން އަންނަ ކަމަށް މެޓެލް ކުންފުނިން ބުނެފި އެވެ.

މަޝްހޫރު ކާޓޫން ކެރެކްޓާ "ބާބީ"ގެ ބުދުތަށް އުފައްދާ، އެ ކުންފުނިން ތައްޔާރު ކުރާ "ހެލޯ ބާބީ" 'ޑޯލް' އަކީ ހަމައެކަނި ޕްރޮގްރާމް ކޮށްފައިވާ ދެތިން ޖުމްލައެއް އެކުލެވޭ ބުދެއް ނޫނެވެ. އެހެންނަމަވެސް އަލަށް ހަދާ ބާބީ ޑޯލް އަކީ ސްމާޓްފޯނުތަކުގައި ހިމެނޭ "ސިރީ" އަދި "ކޮޓާނާ" ގޮތަށް ދެފަރާތުގެ ދެމެދުގައި މުއާމަލާތުކުރުމުގެ ގާބިލްކަން ހިމަނައިގެން ތައްޔާރުކުރާ ބުދެކެވެ. އެގޮތުން "ހެލޯ ބާބީ"، ކުއްޖާ ލައްވާ އަޑުތަކާއި ދައްކާ ވާހަކަތައް ދެނެގަނެ، އެކުއްޖާއާ ބެހޭ މައުލޫމާތު އިންޓަނެޓް މެދުވެރިކޮށް އެކުއްޖާގެ ބެލެނިވެރިޔާއަށް ފޯރުކޮށްދޭނެކަމަށް ވެއެވެ.


"ހެލޯ ބާބީ" އެކިގޮތް ގޮތަށް މައުލޫމާތު އެއްކުރުމަށްފަހު ކުއްޖާ ވާހަކަ ދައްކާގޮތް ދެނެގަންނާނެއެވެ. ރަނގަޅަށް މައުލޫމާތު އެއްވުމުން އަމިއްލައަށް ހާލަތާ ގުޅޭ ޖަވާބުދޭގޮތަށް ތައްޔާރުކުރާ އެ ބުދަކީ ހަމަ އެކަނި ކުޑަކުދިންނަށް ތައްޔާރުކުރާ ބުދެއް ނޫން ކަމަށްވެސް މެޓެލް އިން ބުނެއެވެ.

ވައި-ފައި-ކަނެކްޓެޑް އެ ބުދުގައި، މައިކްރޯ ފޯނަކާއި، ސްޕީކަރަކާއި ކުޑަ އެމްބެޑެޑް ކޮމްޕިއުޓަރެއް ހިމެނޭއިރު އޭގައި ހަރުކޮށްފައިވާ ރިޗާޖަބަލް ބެޓްރީގެ އެހީގައި ގަޑިއެއްހާ އިރު އޭތި މަސައްކަތްކުރާނެ އެވެ. ހަމައެހެންމެ އިންޓަނެޓް މެދުވެރިކޮށް އެ ބުދަށް އަޕްޑޭޓްތައް ލިބޭނެއެވެ. އޭގެ ސަބަބުން ޕޮޕް ކަލްޗާގައި ހިނގާ އެންމެ ފަހުގެ ކަންތައްތައް އެނގުމުގެ އިތުރުން އައު ޖޯކުތަކާއި ވާހަކަތައް އޭތި ކިޔައިދޭނެ އެވެ.

ކުޑަކުދިން ކުޅެން ބޭނުންކުރާ ބުދު އުފައްދާ ކުންފުންޏެއް ކަމަށްވާ "ޓޯއިޓޯކް"ގެ ސީއީއޯ އޯރެން ޖޭކަބް ވިދާޅުވެފައި ވަނީ، ބާބީ ބުދުތައް ގަންނަ ގިނަ ބަޔަކު އެ ބުދުތަކުގައި ވާހަކަ ދެއްކުމުގެ 'ފީޗާ' ހިމެނުމަށް އެދިފައިވާ ކަމަށާއި އެގޮތުން ވާހަކަ ދެއްކުމުގެ ގާބިލުކަން ހިމަނައިގެން ނެރޭ ހެލޯބާބީ ބާޒާރަށް ނެރެ އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް އަދި ދުވަސްކޮޅެއް ވެދާނެ ކަމަށެވެ.