ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެއްވެސް މެންބަރަކީ ވިކޭނެ މެންބަރެއް ނޫން ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަދި އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އާއި އެމްޑީއޭ ގުޅިގެން ކާނިވަލުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މައުރޫފު ވިދާޅުވީ، ޕީޕީއެމްއާއެކު އެމްޑީއޭ އިން ހެދި ކޯލިޝަން ދުވަހަކު ވެސް ރޫޅިގެން ނުދާނެ ކަމަށެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެއްވެސް މެންބަރަކީ ވިކޭނެ ބައެއް ނޫން ކަމަށާއި މެންބަރުން ގަނެވޭނެ މުއްސަންޖެއް މި ގައުމުގައި ނުހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުނގަޑު ގާސިމަށާއި ރައީސް ނަޝީދަށް ޗެލެންޖު ކޮށްފަ މި ބުނަނީ. އެމްޑީއޭގެ އެއްވެސް މެންބަރެއް އެތައް މިލިއަން ރުފިޔާއެއް ހުށަހެޅިއަސް ނުދާނޭ. އަދި ޕީޕީއެމްގެ އެއްވެސް މެންބަރެއް ވެސް ކިތަންމެ ރުފިޔާއެއް ހުށަހެޅިއަސް ނުދާނޭ،" މައުރޫފް ވިދާޅުވި އެވެ.

މައުރޫފު އެހެން ވިދާޅުވެފައިވާއިރު، ގާނޫނު އަސާސީ ހިމާޔަތްކުރުމަށް ކަމަށް ބުނެ އެމްޑީޕީ އާއި ޖުމްހާރީ ޕާޓީ މިހާރު ބާއްވަމުން ގެންދާ މުޒާހަރާތަކުގައި ވާހަކަފުޅުދައްކަވަމުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ، ޕީޕީއެމްގެ މެޖޯރިޓީ މާލަސްތަކެއް ނުވެ ގެއްލިގެން ދާނެ ކަމަށެވެ.

ރޭގެ ޖަލްސާގައި ކުރީގެ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުން މައުރޫފް ވިދާޅުވީ، ކުރީގެ ރައީސް ނަޝިދަކީ މިހާރުގެ ރައީސް ޔާމީނާ އަޅައިކިޔޭނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ކުރީގެ ރައީސް ނަޝީދަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަމަށް ވެސް މައުރޫފު ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ، ގާސިމް އިބްރާހިމް ކުރީގެ އެމްޑީޕީގެ ސަރުކާރާއެކު ހެދި ކޯލިޝަން ރޫޅެން މެދުވެރިވީ، ގާސިމް އިބްރާހިމުގެ އަމިއްލަ އެދުންތަކެއް އިސްކުރުމުގެ ސަބަބުން ކަމަށެވެ. އަދި ކުރީގެ ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ އެއްވެސް މެންބަރަކު ވެސް ގާސިމަށް ހެވެއް ނޭދޭނެ ކަމަށް މައުރޫފު ވިދާޅުވި އެވެ.