20 Feb 2015, 10:52
ކުރިއަށް އޮތްތަނުގައި މެދުއުމުރުގެ މީހުންނަށް އަމާޒުކޮށްގެން ވެސް "ގެޓްސެޓް" ފަދަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.
ޔޫތު މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގެޓްސެޓް ޕްރޮގްރާމްގެ މެނޭޖަރު މަހާލް އަލީ ޖަލީލު ވާހަކަފުޅު ވިދާޅުވީ، ގެޓްސެޓް ފަދަ ޕްރޮގްރާމްތަކެއް ހިންގައިދިނުމަށް އެދި މެދު އުމުރުގެ ގިނަ ފަރާތްތަކަކުން ވެސް އެދެމުންދާ ކަމަށެވެ.
"މިއީ ދިވެހިރާއްޖޭގެ ތާރީހުގައިވެސް އެއްވެސް ބަޔަކަށް ލިބިފައިވާ ފުރުސަތެއް ނޫން. ގާތްގަނޑަކަށް 50 ގައި އުޅޭ ބޭފުޅުންވެސް ވަޑައިގެން އެބަ ވިދާޅުވޭ ތިމަންނަމެން ވަރަށް ގިނަ ދުވަސްވަންދެން މަޑުކޮށްގެން އުޅުނު ފުރުސަތެކޭ މިއީ. ކޮބައިތޯއޭ ތިމަންނަމެންގެ ފުރުސަތަކީ. އަޅުގަނޑަށް ޔަގީން ކުރިއަށް އޮތް ތަނުގައި ތަންކޮޅެއް ދުވަސްވީ ބޭފުޅުންނަށްވެސް މިކަހަލަ ފުރުސަތުތައް ސަރުކާރުން ހުޅުއްވައި ދެއްވާނެ،" މަހާލް ވިދާޅުވި އެވެ.
ގެޓްސެޓް ޕްރޮގްރާމް ފަދަ ފުރުސަތެއް މެދު އުމުރު ފުރައިގެ މީހުންނަށް މިވަތު ނެތް އިރު އެކަމާ ހިތާމަކުރައްވާ ކަމަށާއި އެފަދަ ޕްރޮގްރާމަކަށް ގިނަ ޒުވާނުން ތަކެއްވެސް ތިބީ "ފެން ބޮވައިގަނެފައި" ކަމަށް އޭނާ ވިދާޅުވި އެވެ.
އުމުރުން 18 އަހަރާއި 35 އަހަރުގެ ފަރާތްތަކަށް އަމާޒުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ ގެޓްސެޓް ލޯން ސްކީމް ޕްރޮގްރާމަށް މިހާތަނަށް 135 ޕްރޮޕޯސަލް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ރަނގަޅު ހިޔާލުތަކެއް ހުރި ކަމަށް ޔޫތު މިނިސްޓްރީ ބުންޏެވެ.
އެޓްސެޓް ލޯން ސްކީމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 28 ވަނަ ދުވަހެވެ.
ޔޫތް މިނިސްޓްރީން ބުނީ، ލޯނު ލިބޭ ފަރާތްތަކުން ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭ ތާރީޚަކާއި ދައްކަން ޖެހޭ އިންޓްރެސްޓް ރޭޓެއް ކަނޑައަޅާނީ ވިޔަފާރީގެ ބާވަތާއި، ބޮޑުކުޑަ މިނާއި، ލިބޭނެ ކަމަށް ލަފާ ކުރާ ފައިދާއަށް ބަލައި، ދެފަރާތް މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
ވިޔަފާރިތައް އުފެއްދުމަށް ޝައުގުވެރިވާ ޒުވާނުންނަށް، ސަރުކާރުން ފެށި 200 މިލިއަން ރުފިޔާގެ އެ ސްކީމުގެ ދަށުން އެންމެ ބޮޑުވެގެން ލޯނުގެ އިންޓްރެސްޓް ރޭޓް އަރާނީ އަށް ޕަސެންޓަށެވެ.