20 Feb 2015, 10:16
އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ހުކުމެއް އިއްވައިފިނަމަ އެކަން ތަންފީޒު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ރޭ ކުރިއައް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޖިނާއީ ހުކުމެއް މީހެއްގެ މައްޗަށް ކޮށްފިނަމަ އެ ހުކުމެއް ތަންފީޒުކުރުމަކީ ގާނޫނީ އިމުގެ ތެރެއިން ސަރުކާރަށް ލާޒިމުވާ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި ޖިނާއީ ކުށެއް ކޮށްގެން ހުކުމެއް އައިސްފިނަމަ "އެ ހުކުމް ތަންފީޒު ކުރަން ކެރޭނެ" ކަމަށެވެ.
"ކަށަވަރުކަންވެސް ހަމަހަމަ ވުމައްޓަކައި، ތިބޭފުޅުން ތިވިދާޅުވާ ގާނޫނުއަސާސީ ދެމެހެއްޓުމަށްޓަކައި އަޅުގަނޑަށް އެބަ ލާޒިމްވޭ ޖިނާއީކަމެއްގައި ހުކުމެއް އައިސްފި ކަމައްވަންޏާ މި ސަރުކާރުން އެ ހުކުމެއް ތަންފީޒު ކުރާނެ ވާހަކަ މިރޭ އަޅުގަނޑު ދަންނަވާލާނަން" ޔާމީން ވިދާޅުވި އެވެ.
ޖިނާއީ ދައުވާ އުފުލުމާއި، ދައުވާ ކުރުމަކީ އެމަނިކުފާނު ކުރައްވާ ކަމެއް ނޫންކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ، އެއީ ޕްރޮސެކިއުޓާ ޖެނެރަލްގެ ޒިންމާއެއް ކަމަށާއި، ޖިނާއީ ދައުވާ އުފުލުމާއި ކުރުމުގައި ރައީސް އާއި ކެބިނެޓްގެ އެއްވެސް ދައުރެއް ނޯނާނެ ކަމަށެވެ.
"ކޯޓުތަކުގައި ޖިނާއީ ދައުވާއެއް ކޮށްފިނަމަ ތިން މަރުހަލާއެއް އެބަ އޮވޭ. އެ ތިން މަރުހަލާއެއްގައިވެސް ރައީސް ޔާމީންގެ ނުފޫޒެއް ނޯންނާނެ. ނުފޫޒު ފޯރުވާކަށް ބޭނުމެއްވެސް ނުވާނެ" ޔާމީން ވިދާޅުވި އެވެ.
ގާނޫނު އަސާސީ ހިމާޔަތްކުރުމަށް ކަމަށް ބުނެ ޖުމްހޫރީ ޕާޓީއާ އެމްޑީޕީން ދައްކަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ޔާމީން ވަނީީ އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ކަމެއް ކޮށްފައިވާނަމަ އެކަމެއް ކަށަވަރު ކުރެއްވުމަށް ކޯޓުތަކަށް ވަޑައިގަތުމަށް ގޮވާލައްވައިފައެވެ.
"ގާނޫނު އަސާސީއާއި ގާނޫނާ ހިލާފަށް ކަމެއް ހިނގާކަމަށް ވަންޏާ އެކަން ފައިސަލާކޮށްފައި ނިންމަން އޮއްނަނީ ކޯޓުތަކުން، އަވަހަށް ވަޑައިގަންނަވާ ކޯޓުތަކަށް. އަޅުގަނޑުމެންގެ މައްޗަށް އެ ދައުވާ އުފުއްލަވާ،" ޔާމީން ވިދާޅުވި އެވެ.
ގާނޫނު އަސާސީއާއި ގާނޫނާއި މި ސަރުކާރުން ހިލާފުވެފައި ވާނަމަ، އެ ހިލާފުވެފައިވާ މިންވަރު ސުޕުރީމް ކޯޓުން ބާތިލުކޮށްދެއްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. ނަމަވެސް މި ސަރުކާރުން ގާނޫނުތަކާއި ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް ކަމެއް ސަރުކާރުން ނުކުރާއްވާނެ ކަން ދިވެހި ރައްޔިތުނަށް ކަށަވަރުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.