19 Feb 2015, 23:37
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި 28 ކެނޑިޑޭޓުންނަށް ރައްޔިތުން ވޯޓު ދިނީ ފަސް އަހަރުވަންދެން ޕީޕީއެމް ކޯލިޝަންގައި ދެމިތިއްބެވުމަށް ޝަރުތުކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއާ އެމްޑީއޭގެ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 28 ދާއިރާ ޖުމްހޫރީ ޕާޓީއަށް ދޫކޮށްލަން ޕީޕީއެމް އިން ނިންމީ "އިނގިލީގެ ނިޝާނާ އަދިވެސް އެހެން ނިޝާނާ ސޮއިތައް ވެސް ކޮށްގެން" ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީއާއެކު ޕީޕީއެމް އިން ސޮއިކުރި އަސާސްތައް މިހާރު ވަނީ ރޫޅާލާފައެވެ.
"މި އަސާސް ރޫޅާލެއްވީމަ އެއީ ސައްޚަ އެއްޗަކަށް ނުވާކަމަށް ވަންޏާ ޖުމްހޫރީ ޕާޓީގަ ދެން ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެބޭފުޅުން އެކި ދާއިރާތަކުން ހޮވިވަޑައިގެންފައި އެތިބީ އެތަންތަނުގައި ތިބި ބޮޑު އަޣުލަބިއްޔަތު ޕީޕީއެމްގެ އާންމު މެމްބަރުންގެ ވޯޓުންނޭ. އާންމު ރައްޔިތުންގެ ޝުއޫރުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާށޭ. އާންމު ރައްޔިތުން އެބޭފުޅުންނަށް ވޯޓުދެއްވީ ފަސް އަހަރުތެރޭ ޕީޕީއެމްގެ ކޯލިޝަންގައި ތިއްބެވުމަށް ޝަރުތުކޮށް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފެބްރުއަރީ 7، 2012ގެ މަތިން ހަނދުމަކޮށްލައްވައިފިނަމަ ސިޔާސީ ގޮތުން މިހާރު ކުރައްވާ މަސައްކަތްތައް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކުރެއްވިދާނެ ކަމަށް ހީފުޅުނުކުރެއްވޭ ކަމަށެވެ.
"ކަޅު ފެބްރުއަރީ 7 އައި ދުވަހު އަޅުގަނޑުމެންނާއެކު ހުންނެވި ކީއްތޯ ވާނީ ފެބްރުއަރީ 7، 2012 ގެ މަތިން އެކަނި ހަނދުމަކޮށްލެއްވިއްޔާ. ފެބްރުއަރީ 7 ގެ މަތިން އެކަނި ހަނދާންކޮށްލި ކަމުގައި ވިޔަސް އަޅުގަނޑަކަށް ހިޔެއް ނުވޭ ގާސިމް އިބްރާހީމް ސިޔާސީގޮތުން މިހާރު ތިކުރައްވާ މަސައްކަތް ކުރެއްވިދާނެ ކަމަކަށް،" ރައީސް ވިދާޅުވި އެވެ.
ގާސިމަކީ ޕީޕީއެމްގެ އަޚެއް ކަމަށާއި ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ސިޔާސީ އެކިކަންކަމުގައި ޕީޕީއެމްއާ އެކު ގާސިމް މަސައްކަތް ކުރައްވާފައިވާކަން ރައީސް ވަނީ މިރޭ ފާހަގަކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަން ކުރެއްވި ދުވަސްވަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދިޔައީ ގާނޫނު އަސާސީއާ ގާނޫނުތަކާ ޚިލާފަށް އެމަނިކުފާނުގެ ސަރުކާރުން ފަނޑިޔާރުން ހައްޔަރުކޮށް ސުޕްރީމް ކޯޓުގައި ތަޅު އެޅުވި ވާހަކަ ކަމަށެވެ. އަދި ގާސިމް ހިމެނިވަޑައިގަންނަވާ ގޮތަށް ގާނޫނު އަސާސީއާ ޚިލާފަށް ރައީސް ނަޝީދުގެ ސަރުކާރުން ސިޔާސީ ފަރާތްތައް ހައްޔަރުކޮށްފައިވާ ކަމަށާއި ނަމަވެސް މި ސަރުކާރު މަސައްކަތް ކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ގާސިމް އިބްރާހީމަށް އަޅުގަނޑުގެ ވާހަކަ ނިންމާލަމުން އިލްތިމާސްކުރަން ބޭނުންވަނީ ކަށަވަރު ކުރައްވާށޭ. އަޅުގަނޑުމެންގެ ސަރުކާރުން ގާނޫނީ ރޮނގެއް ހުރަހެއް ނުކުރާނަމޭ. އަޅުގަނޑުމެންގެ ސަރުކާރު އަބަދުވެސް މަސައްކަތް ކުރައްވާނީ ގާނޫނީ އިމުގެ ތެރޭގައި. އެ ކަށަވަރުކަން އަޅުގަނޑުމެންނަށް އޮންނާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.