14 Feb 2011, 17:26
ޑެންގީ ހުން، ރާއްޖޭގައި ފެތުރެމުންދާ މިންވަރު ކަންބޮޑުވާ ދަރަޖައަކަށް އިތުރު ވެފައިވާ ކަމަށް ސެންޓަ ފޯ ކޮމިޔުނިޓީ ހެލްތް އެންޑް ޑިޒީސް ކޮންޓްރޯލް ޔުނިޓުން މިއަދު އިންޒާރުކޮށްފި އެވެ.
ޑެންގީ ހުން އަދާޔާ ހިލާފަށް ގިނަވެ ފުރާނަޔަށް ނުރައްކާވަމުންދާތީ އެކަމާ ގުޅޭ މައުލޫމާތު މީޑިޔާއާ ހިއްސާކުރުމަށް ހެލްތް މިނިސްޓްރީން ބޭއްވި ނޫސްކޮންފަރެންސްގައި ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީޒް ކޮންޓްރޯލް ޔުނިޓް ހިންގެވުމާ ހަވާލުވެހުންނެވި އަހުމަދު ޖަމްޝީދު ވިދާޅުވީ ރާއްޖޭގައި ޑެންގީ ހުން ފެތުރެމުން އަންނަތާ އަހަރެއްހާ ދުވަސް ވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އާންމު ގޮތެއްގައި ވިއްސާރަ މޫސުން ނިމޭ ދުވަސްކޮޅު ޑެންގީ ހުމުގެ ކަންތައް ވަރަށް ބޮޑުވާ ކަމަށާއި އެކަމަކު މިއަހަރުގެ މިހާތަނާއި ހަމައަށް ޑެންގީ ހުންޖެހިގެން ދެ މީހަކު މަރުވެފައި ވުމަކީ ޑެންގީ ހުން ފެތުރެމުން އަންނަ ސީރިއަސް މިންވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ.
"އާންމު ގޮތެއްގައި ކޮންމެ އަހަރަކުވެސް ޑިސެމްބަރު، ދެން ޖޫން ޖުލައި ހިސާބުގައި ޑެންގީ ފެތުރޭ މިންވަރު އިތުރުވޭ. މިދިޔަ އަހަރުގެ ތެރެއަށް ބަލާއިރު އެންމެ ދެ މީހަކު މި އޮތީ ހުންޖެހިގެން މަރުވެފަ. އެކަމަކު މިއަހަރު މިހާތަނަށްވެސް ދެ މީހަކު މަރުވެއްޖެ. އެހެންވީމަ މީގެ ސީރިއަސްކަން ވަރަށް ބޮޑަށް އެބަ އިނގޭ. މިއަހަރުގެ އެ މިންވަރު މިއޮތީ 60 ޕަސެންޓް އިތުރު ވެފައި،" ޖަމްސީދު ވިދާޅުވި އެވެ.
އެނާ ވިދާޅުވީ މިހާރުވެސް އަށް މީހަކު އައިޖީއެމްއެޗްގައި ޑެންގީހުމަށް ޕޮސިޓިވްވެ ފަރުވާދެމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ މިއީ ނިސްބަތުން ޑެންގީ ހުންޖެހޭ މިންވަރު ބޮޑު އަދަދެއް ކަމަށެވެ.
އެ ނިއުސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ކުޑަކުދިންގެ ހާއްސަ ޑރ. އަބުދުﷲ ނިޔާފު ވިދާޅުވީ ޑެންގީ ހުން ޖެހިގެން މިއަހަރު ބޮޑު މީހަކު ވެސް މަރުވެފައިވާ ކަމަށެވެ. އަދި އިތުރު ދެ މީހެއްގެ ހާލު މިހާރު އިތުރަށް ސީރިއަސް ކަމަށްވެސް ނިޔާފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޑެންގީ ހިމަރެޖިކް ފީވާ އާއި ޑެންގީ ސޮކް ސިންޑްރޯމް ރިޕޯޓު ކުރެވޭ މިންވަރު މިހާރު އިތުރު ވެފައިވާ ކަމަށާއި މި ސްޓޭޖްގައި ޑެންގީ ހުމުގެ މިންވަރު ހުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންނާއި ހިސާބަށް ކޭސްތައް މިހާރު މިއަންނަނީ އެންމެ ނުރައްކާތެރި ސްޓޭޖުގައި ހުއްޓާ. އެއީ ޑެންގީ ޝޮކް ސިންޑްރޯމް. އެ ހިސާބުން ދެން ދަށަށްދާނެ ރަނގަޅުވާ ނިސްބަތް. އެއީ ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށް ހުމުގެ އަސަރު އޭރުކޮށް ލިވާ އެއްޗިހި ފޭލް ވެފަ ހުންނަނީ. މީހުންގެ ފުރާނަ ފަސޭހަ ކުރެވޭނެ ބައްޔެއްގައި (ފުރާނަ) ގެއްލިގެން ދާތީ ވަރަށް އަސަރުކޮށްފަ މިތިބީ،" ޑރ.ނިޔާފު ވިދާޅުވި އެވެ.
ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް ހުރި ބައެއް ދަތިތައް ފާހަގަ ކުރައްވަމުން ޖަމްޝީދު ވިދާޅުވީ އާންމު ރައްޔިތުންގެ ފަރާތުން ލިބެންޖެހޭ މިންވަރަށް އެއްބާރުލުން ނުލިބޭ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ޑެންގީ ހުން ޖެހޭ މިންވަރު މަދުކުރެވޭނީ އެންމެ އެއްބާރުލައިގެން ކަމަށާއި ސަރުކާރުން އެކަނި ކުރާ މަސައްކަތަކުން އެކަން ހާސިލް ނުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން މި ބުނަނީ ގޭގޭގައި ފެންހެދޭ ގޮތަށް ހުންނަ ތަންތަން ރަނގަޅު ކުރާށޭ. ފެން ހެދޭ ގޮތަށް އެއްޗިހި ނުބަހައްޓާށޭ، އަޅުގަނޑުމެންނަށް ބުނެވޭނީ، އަޅުގަނޑުމެން އަތަކު ނޯވޭ ފިޔަވަޅު އެޅުމުގެ އެ ސްޓިކެއް. މީގަ ކޮމިޔުނިޓީގެ އެއްބާރުލުން ބޭނުންވަނީ،" ޖަމްޝީދު ވިދާޅުވި އެވެ.
އޭނާ ވަނީ މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަން ނައްތާލުމުގައި ގާނޫނީ ބާރު ބޭނުންވާކަން ފާހަގަ ކުރައްވާފަ އެވެ.
ޖަމްޝީދު ވިދާޅުވީ ރާއްޖޭގައި ފެތުރެމުން އަންނަނީ ޑެންގީ ހުމުގެ ކޮން ބާވަތެއްކަން ޔަގީން ކުރުމަށްޓަކައި ސާމްޕަލްތައް ނެގި މިހާރު ޓެސްޓުކުރުމަށް ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވަނީ ހުރިހާ ފަރާތްތަކުން ވެސް މަދިރިން ދިފާއުވުމަށްޓަކައި ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާފަ އެވެ.