ރާއްޖެއަށް ދެ ވަނަ "ހަތެއް ފެބުރުއަރީއެއް" ނުގަނެވޭނެ ކަމަށާއި މަގުމައްޗަށް ދެތިން މީހުން ނުކުމެ ސަރުކާރު ވައްޓާލާނަމޭ ބުންޏަސް އެކަން ނުވާނެ ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމާއި އެމްޑީއޭ ގުޅިގެން ކާނިވަލު ސަރަހައްދުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ ހަތެއް ފެބުރުއަރީއަކީ ފާއިތުވެ ގޮސްފައިވާ ދުވަހެއް ކަމަށާއި އެ ދުވަސް އަނބުރާ ނުގެނޭވޭނެ ކަމަށެވެ. އެ ކަހަލަ ދުވަހެއް "އިރާދަކުރެއްވިއްޔާ ﷲ ސުބުހާނަހޫ ވަތައާލާ" ނުދައްކަވާނެ ކަމަށް ސިޔާމް ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ސަރުކާރުގެ ވެރިންގެ ހިތްތަކުގައި އޮތީ ދިވެހި ރައްޔިތުންނަށް ލޯތްބައި އޯގާތެރި ކަމާއި ކުލުނު ކަމަށް ސިޔާމް ވިދާޅުވި އެވެ.

"އަމިއްލަ އެދުމެއް އަޅުގަނޑުމެންގެ ނެތް، އަޅުގަނޑުމެން ނުހައްގުން ބޭނުންވާ އެއްވެސް މުދަލެއް، ފަޅެއް ގިރިއެއް ނެތް،" ސިޔާމު ވިދާޅުވި އެވެ.

ސިޔާމު ވިދާޅުވީ ދިވެހި ރައްޔިތުންގެ ތެރެއިން މަގުތަކަށް އެއްވާ މީހުންގެ ތެރެއަށް ދާ މަދުމީސްކޮޅު ހޭލަން ވެއްޖެ ކަމަށާއި، "ބަޔަކު މީހުން އެ އުޅެނީ" ދިވެހިންނަށް ލިބިދާނެ މަންފާއަކަށް ކެތް ނުކުރެވިގެން ކަމަށެވެ.

"ބަޔަކު މީހުން އެ އުޅެނީ ކެތް ނުކުރެވިގެން، ދިވެހި ރައްޔިތުންނަށް ވެދާނެ މަންފާއަކަށް، ދިވެހި ރައްޔިތުން އުޅެދާނެ އުފަލާއި އަރާމަކާއި، ދިވެހި ރައްޔިތުން އަޅުވެތި ކަމުން ދުރައްދާން މަަސައްކަތް ކުރާތީ މި ގޮވަނީ އެހެންނެއް ނޫނޭ، ފަގީރު ކަމަށް އެނބުރި އައްނާށޭ، ހަމަ ނުޖެހުމަށް އެނބުރި އައްނާށޭ، ތަޅާފޮޅުމަށް އެނބުރި އައްނާށޭ" ސިޔާމު ވިދާޅުވި އެވެ.

ދިވެހި ރައްޔިތުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހިމުގެ އަރިހުން ސިޔާމު ވަނީ އަލުން އަނބުރާ ސަރުކާރު ކޯލިޝަނާ ގުޅުމަށް ގޮވާލާފަ އެވެ. ސިޔާމު ވިދާޅުވީ "ޝައިތާނީ ވިސްނުމު"ގެ ބައެއްގެ ތެރެއަށް ގޮސް ޝާމިލުވެ ވަޑައި ނުގަތުމަށާއި، އެ މީހުންނަކީ ގާސިމްގެ "މުދަލުގައި އަލިފާން ޖެއްސި ބައެއް" ކަމަށެވެ.

"އެއީ ތިބޭފުޅާގެ މުދަލުގައި އަލިފާން ޖެއްސި ބައެއް، ވަރަށް ގިނަ އަނިޔާތަށް ދިން ބައެއް، މިފަދަ ބައެއް ކައިރިއަށް ގޮސް ތިމާގެ އަހެއް ކަމަށް އަނެއްކާވެސް ދެކެފިއްޔާ މުސްލިމެއްގެ ގަޔަށް ދެވަނަ ފަހަރު ކަށިނުޖަހާނޭ ބުނާނެ ފަދައިން އަޅުގަނޑޫ ގާސިމް ކައިރީ ދަންނަވަން، ގާސިމު އޭ ތިއީ މުސްލިމެކޭ، ތިއީ އިސްލާމެކޭ، ދެވަނަ ފަހަރު ކަލޭ ގައިގައި ކަށިޖެހިޔަ ނުދެއްވާށޭ" ސިޔާމު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސަށް އިޝާރާތްކުރައްވާ ސިޔާމު ވިދާޅުވީ، ގައުމު ގަނޑުބަނޑު ނުކުމަށާއި، ބާޣީންގެ އަމަލުތަށް ދޫކޮށްލެއްވުމަށާއި، ރާއްޖޭގެ ޓުއަރިޒަމް ބޮއިކޮޓް ކުރުން ހުއްޓާލުމަށެވެ.