އެމްޑީޕީ-ޖޭޕީގެ މިރޭ މާލޭގައި ކުރި މުޒާހަރާ ހޫނުވެ، ބޮޑުތަކުރުފާނު މަގު މަސްމާރުކޭޓް ކައިރިން ފުލުހުން ރުކުރުވާލާފައިވާ ލައިން ފޫއަޅުވާލައިފި އެވެ.

"ގާނޫނު އަސާސީގެ ހިމާޔަތުގައި ދިވެހިން" މި ނަމުގައި އުސްފަސްގަނޑު ކައިރިން އެމްޑީޕީ-ޖޭޕީ ފެށި މުޒާހާރައިގެ ބައިވެރިން މާލޭގެ މަގުތަކުން ގޮސް މިސްރާބު ޖެހީ ޖުމްހޫރީ މައިދާނާ ދިމާލަށެވެ.

ނަމަވެސް ބޮޑުތަކުރުފާނު މަގު މަސްމާރުކޭޓު ކައިރިން ފުލުހުން ވަނީ އިތުރަށް ކުރިއަށް ނުދެވޭ ގޮތަށް މަގު ބަންދު ކޮށްފައި އެވެ.

ފުލުހުން އެ މަގު ބަންދު ކުރިއިރު، މުޒާހަރާގެ ބައިވެރިން މިސްރާބު ޖެހި އެމްއެމްއޭ ސަރަހައްދަކީ އެއްވުން މަނާ ސަރަހައްދެކެވެ. ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އެމްއެމްއޭގެ މައި އިމާރާތުގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 100 ފޫޓް ހިމެނޭ ސަރަހައްދަށް އެއްވުމަކީ މަނާ ކަމެކެވެ. އަދި އެމްއެންޑީއެފްގެ މައި މަރުކަޒު ނުވަތަ ބަންޑާރަ ކޮށި އުތުރުފަރާތު އިންފާރުން ފެށިގެން ކުރި މައްޗަށް 300 ފޫޓް ހިމެނޭ ސަރަހައްދު ނުވަތަ ޖުމްހޫރީ މައިދާނާއި ހުޅަނގުފަރާތު އިންފާރުން ފެށިގެން 200 ފޫޓް ހިމެނޭ ސަރަހައްދާއި އަދި އިރުމަތީފަރާތު އިންފާރުން ފެށިގެން 200 ފޫޓް ހިމެނޭ ސަރަހައްދާއި މައި މަރުކަޒުގެ ދެކުނު ފަރާތު އިންފާރުން ފެށިގެން 150 ފޫޓް ހިމެނޭ ބިމުގެ ސަރަހައްދަށް އެއްވުމަކީ މަނާ ކަމެކެވެ.

މަސްމާރުކޭޓް ސަރަހައްދަށް އެއްވި މީހުން މިރޭ ވަނީ ފުލުހުން ބަހައްޓާފައިވާ ބެރިކޭޑުތައް ކުރިއަށް ޖައްސަމުން ގޮސް، ފުލުހުންގެ ސަފު ފޫއަޅުވާލި އެވެ. އަދި އެމްއެމްއޭއާ ދިމާލަށް މުޒާހަރާގެ ބައިވެރިން މިސްރާބު ޖެހިތަނާ ރަޔަޓް ފުލުހުން ނުކުމެ އެ މީހުން ހުއްޓުވި އެވެ. ރަޔަޓް ފުލުހުން ޝިލްޑުތަކާ އެކު ނުކުތުމުން، މުޒާހަރާގެ ބައިވެރިން ވަނީ ފަހަތައް ޖެހި، ކުރިން ތިބި ސަރަހައްދަށް ދިޔަ އެވެ.

މުޒަހަރާގެ ބައިވެރިން ފުލުހުންގެ ސަފު ފޫއަޅުވާލުމުން، ފުލުހުން އިންޒާރު ދިނީ ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ތަކުރާރުކޮށްފިނަމަ އެއްވުން ރޫޅާލާނެ ކަމަށެވެ.

ފުލުހުންގެ އިންޒާރާއެކު އެމްޑީޕީ-ޖޭޕީ މުޒާހަރާގެ ބައިވެރިން ދެ ގަޑިއިރެެއް ހާއިރު ހިޔާލު ފާޅު ކުރުމަށްފަހު މުޒާހަރާ ނިންމާލިކަން އިއުލާން ކުރި އެވެ.

މިރޭގެ މުޒާހަރާގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީ-ޖޭޕީގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވި އެވެ.