ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މުހައްމަދު ހުސައިނާއި މުއާޒު މުހައްމަދު ރަޝީދު ސަރުކާރު ހިންގާ ޕީޕީއެމާ ގުޅިވަޑައިގެންފި އެވެ.

މުހައްމަދު ހުސައިނާއި މުއާޒު ޕީޕީއެމާ ގުޅިވަޑައިގެންނެވި ކަން އިއުލާން ކުރީ ޕީޕީއެމާ އެމްޑީއޭ ގުޅިގެން ކާނިވާ ސަރަހައްދުގައި މިރޭ ކުރިއަށް ގެންދާ ޖަލްސާގަ އެވެ.

މުހައްމަދު ހުސައިންއަކީ ޖޭޕީގެ ޓިކެޓުގައި ކަނޑިތީމު ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރެކެވެ. އޭނާ ވަނީ މަޖިލީހުގައި ޖެހިޖެހިގެން ހަ ދައުރު ފުރިހަމަ ކުރައްވާފަ އެވެ. އޭނައަކީ މަޖިލީހުގައި މެމްބަރުކަން ކުރެއްވި އެންމެ ދޮށީ ބޭފުޅާ އެވެ.

މުއާޒަކީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި މަޑަވެލި ދާއިރާގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރެވެ. އޭނާ ވަނީ މިދިޔަ އަހަރު ޖޭޕީއަށް ސޮއި ކުރައްވާފަ އެވެ.

އެ ދެ މެމްބަރުން ޕީޕީއެމާ ގުޅިވަޑައިގަތުމުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އަދަދު ވަނީ 46 އަރާފަ އެވެ. އަދި ސަރުކާރު ހިންގާ އެމްޑީއޭގެ މަޖިލިސް ފަސް މެމްބަރުންނާއެކު ސަރުކާރު ކޯލިޝަންގެ މަޖިލިސް މެމްބަރުންގެ އަދަދު 51 އަރަ އެވެ.

މުއާޒާއި މުހައްމަދު ހުސައިން ޖޭޕީން ވަކިވެވަޑައިގަތުމުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އަދަދު ވަނީ 10 އަކަށް ވެއްޓިފަ އެވެ. އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އަދަދަކީ 22 އެވެ.