މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން ފަރީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައި ރޭ ބޭއްވި އެއްވުމުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތަށް ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފި އެވެ.

ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަސް ދީފައިވާ ކަމަށެވެ.

އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ސަބަބުން ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ވެސް ފުލުހުންގެ އަމުރަށް ކިޔަމަންތެރިވެފައި ނުވާތީ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި އެ މައްސަލަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.