19 Feb 2015, 20:10
ރާއްޖެއިން މިއަދު މި ފެންނަނީ ޑިމޮކްރަސީ އޭގެ އަސްލު މާނައިގައި ހިނގަމުންދާތަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީ ހިމާޔަތްކުރުމުގެ ނަމުގައި އެމްޑީޕީ އާއި ޖޭޕީން ބާއްވަމުން ގެންދާ މުޒާހަރާތަކާ ދެކޮޅަށް ޕީޕީއެމުން އިސްނަގައިގެން ޒުވާނުންތަކެއް މާލޭގައި ބޭއްވި ހިނގާލުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަމުންދާތީ ވާދަވެރިންނަށް އެކަންތައްތައް ހަޖަމްކުރަން ދަތިވާ ކަމަށެވެ. އަދި ވިދާޅުވީ މިއަދުގެ ރާއްޖެއަކީ ސިޔާސީ ވަކި ޕާޓީއެއްގެ ނުވަތަ ސިޔާސީ ވަކި ލީޑަރެއްގެ ރާއްޖެއެއް ނޫން ކަމަށެވެ.
ރާއްޖެއިން ފެންނަމުން މި ދަނީ ޑިމޮކްރަސީ އޭގެ އަސްލު މާނައިގައި ހިނގާތަން ކަމަށް ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ކުރި އެއްވެސް ކަމެއް ގާނޫނާ ހިލާފުވެގެން ދައުވާއެއް އުފުލިފައި ނުވާ ކަމަށެވެ. އަދި ސިޔާސީ ވާދަވެރިން މި ސަރުކާރުން ހައްޔަރެއް ނުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިކަންކަން ކުރާކަށް ސިޔާސީ ވާދަވެރިން ހިފާ ހައްޔަރެއް ނުކުރަން. އަދި ސިޔާސީ ވާދަވެރިންނަށް ކޯޓުން ބޭރުން އެއްވެސް ކަހަލަ ކަމެއް ނުކުރަން. އަދި މި ކުރާ މަސައްކަތްތަކުގައި އެބޭފުޅުން އުޅުއްވާ ގޭގެ ކައިރިއަށް އެތަންތަން ޓެރަރައިޒްކޮށް ކުޑަ ކުދިންނަށް އަނިޔާވާގޮތަށް ކުޑަކުދިންނަށް ނަފްސާނީ ގޮތުން ގެއްލުންވާ ގޮތަށް ހަމަ އެއްވެސް ކަމެއް ނުކުރަން،"
ނަމަވެސް، މި ސަރުކާރުގައި ގާނޫނީ ހަމައިގެން ނެއްޓިގެންދާ ބޭފުޅުންނަށް ސާބިތުކަމާއެކު ކޯޓަށް ގޮސް ކަންތައްކުރާތަން ފެންނަމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މީގެ ކުރިން މަގުތައް ހަލަބޮލިކުރުމަށްޓަކައި އެކިކަހަލަ ޖިސްމާނީ ނުރައްކާތެރި އަނިޔާތައް މީހުންނަށް ދީ ރާއްޖެ ޓެރަރައިޒް ކުރި ޒަމާނެއް ހިނގައްޖެ ކަމަށެވެ. ނަމަވެސް ޒުވާނުން މަގުން ކައްސާލުމަށްޓަކާ ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމުން މިއަދުގެ އެއްވުމުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެ ޕާޓީގެ ނައިބު ލީޑަރުންނާއި އާންމު މެމްބަރުން ވެސް އެ ހަރަކާތުގައި ބައިވެރިވި އެވެ.