ސަރުކާރުން ކުރިޔަށް ގެންދާ ޓާޝަރީ ލޯން ސްކީމްގެ ދަށުން 117 ފަރާތަކަށް ލޯން ހަވާލުކޮށްފިއެވެ.

ލޯން ލިބުނު ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކޮށްފައި ވަނީ ކުއްލިއްޔާގައި އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ. އައިޝަތު ޝިހާމް ވަނީ، މަތީ ތައުލީމް ހާސިލް ކުރުމަށް މި ލިބުނު ފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް އިލްތިމާސް ކުރައްވާފައެވެ.

" ތި ދަރިވަރުންނަކީ ގައުމުގެ ތަރައްގީއަށް ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ ބައެއް. ތިޔަ ދަރިވަރުންނަކީ މިވަގުތު ގައުމަށް ބޭނުންވާ ވަރަށް މުހިއްމު ދާއިރާތަކުން ތައުލީމް ހާސިލްކުރަމުންދާނެ ބަޔެއް" އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވި އެވެ.

ޓާޝަރީ ލޯން ސްކީމުގެ ދަށުން މިފަހަރު ފުރުސަތު ލިބުނު ދާއިރާތަކުގެ ތެރޭގައި އެމްބީބީއެސް، ފޮރެންސިކް ސްޓަޑީޒް، އެކައުންޓިން ފަދަ ދާއިރާތައް ހިމެނެއެވެ.

ލޯނު ދިނުމުގައި އެންމެ ގިނަ މާކުސް ދިފައިވަނީ ތައުލީމީ ނަތީޖާ އަށާއި ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވާ ދާއިރާތަަކަށް ބަލައިގެން ކަމަށް ޑިޕާޓްމެންޓް އޮފް ހަޔާ އެޑިއުކޭޝަނުން މައުލޫމާތު ދެއެވެ.