19 Feb 2015, 17:45
ހަނޑުލުން ސަބްސިޑީ ދިން މައްސަލައެއްގައި ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ޔިންގްލަކް ޝިނަވަތުރާގެ މައްޗަށް އެ ގައުމުގެ އެޓާނީ ޖެނެރަލް ޖިނާއީ ދައުވާ އުފުލައިފި އެވެ.
އިހްމާލުވި ކަމަށް ތުހުމަތު ކުރާ އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބީބީސީ އިން މިއަދު ބުންޏެވެ.
އަދި އެންޓި ކޮރޮޕްޝަން އެޖޭންސީ އިން ބުނީ ދައުލަތަށް ލިބުނު ގެއްލުމުގެ ޒިންމާ އަމިއްލަ ގޮތުން ޔިންގްލަކް އުފުއްލަވަން ޖެހޭނެ ކަމަށެވެ.
ތައިލޭންޑްގެ މިލިޓަރީ އިން ޔިންގްލަކްގެ ސަރުކާރު 2014 ވަނަ އަހަރުގެ މޭ މަހު އެއްލާލުމުގެ ކުރިން ކޯޓުން ވަނީ އޭނާ ބޭރުކޮށްލައިފަ އެވެ. އަދި ހަނޑުލުގެ ސަބްސިޑީގެ މައްސަލާގައި އޭގެ ފަހުން އޭނާ އިންޕީޗުކޮށް، ފަސް އަހަރު ދުވަސް ވަންދެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އުޅުން މަނާކޮށްފަ އެވެ.
ބަޣާވާތެއް ގެންނަން އުޅޭ ކަމަށް ތުހުމަތުކޮށް ތައިލޭންޑްގައި މިހާރު ވަނީ މާސަލް ލޯ ހިންގައިފަ އެވެ.
ބޭންކޮކް ސުޕްރީމް ކޯޓުގެ އަޑު އެހުމަށް ކުރީގެ ބޮޑުވަޒީރު މިއަދު ވަޑައެއް ނުގަންނަވަ އެވެ. ބޭންކޮކްގައި ހުންނަ ބީބީސީގެ ކަރޮސްޕެންޑެންޓާ ހަވާލާދީ ބީބީސީ އިން ބުނީ މިއަދުގެ އަޑުއެހުމަށް އޭނާ ދިޔަ ނަމަ، މުޅި ކޯޓު ފުރާލާނީ ޔިންގަލަކްގެ ސަޕޯޓަރުން ކަމަށާއި އޭރުން ތައިލޭންޑް ޑިމޮކްރަސީ އަށް ކުރާ ދަތުރު އިތުރަށް ފަހަށް ޖައްސައި، އެ މީހުން ފިއްތާލާނެ ކަމަށެވެ.
ބީބީސީ އިން ބުނީ ޔިންގްލަކްގެ ސަރުކާރުން ބާޒާރު އަގަށް ވުރެ، އަގު ބޮޑުކޮށް ދަނޑުވެރިންގެ އަތުން ހަނޑޫ ގަނެފައިވާ ކަމަށެވެ. އަދި ސަރުކާރުން ވަނީ އެކަމަށް އެތައް ބިލިއަން ޑޮލަރެއް ހަރަދުކޮށްފައި ކަމަށެވެ. ޔިންގްލަކް އަށް ފާޑުކިޔާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެ ސުކީމްގެ ފައިދާ ކުރީ އޭނާގެ ޕާޓީގެ އެންމެ ގާތް ސަޕޯޓަރުންނަށެވެ. ނަމަވެސް ކުރީގެ ބޮޑުވަޒީރު ވިދާޅުވީ އެ ޕޮލިސީއަކީ ދަނޑުވެރިންނަށް އެހީވުމަށް ގާއިމު ކުރި ޕޮލިސީއެއް ކަމަށާއި އެ ސުކީމް ހިންގުމަށް ދުވަހުން ދުވަހަށް އޭނާ ބެހިވަޑައިނުގަންނަވާ ކަމަށެވެ.
ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ޖިނާއީ ދައުވާ ކުރާނެތޯ ނުވަތަ ނޫންތޯ އަންނަ މަހު 19 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނިންމާނެ އެވެ.
ފައިނޭންސް މިނިސްޓްރީ އިން ބުނީ ޔިންގްލަކްގެ އަތުން 600 ބިލިއަން ބާތު ނޫނީ، 18.4 ބިލިއަން ޑޮލަރު ހޯދުމަށް އެންޓި ކޮރަޕަޝަން އެޖެންސީ އިން އެ މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ މޭ މަހު ޔިންގްލަކްގެ ސަރުކާރު، މިލިޓަރީ އިން ވައްޓާލީ، ބޮޑުވަޒީރާ ދެކޮޅަށް މުޒާހަރާކޮށް ގައުމު ހަމަނުޖެހުމުގެ ތެރެއަށް ވެއްޓޭތީ ކަމަށް ބުނެ އެވެ. އެކަމަކު ޔިންގްލަކްގެ ބޭބެ ތަކްސީން ޝިނަވަތުރާގެ ސަރުކާރު 2006 ވަނަ އަހަރު މިލިޓަރީ އިން ވައްޓާލީއްސުރެ، ސިޔާސީ ގޮތުން އެ ގައުމު ހަމައެއް ނުޖެހެ އެވެ. ތައިލޭންޑްގެ ރަށްފުށު ހިސާބު މީހުންގެ މެދުގައި ތަކްސީން ވަރަށް މަގުބޫލެވެ. އެކަމަކު އާބަން ސިޓީތަކުގެ މެދުފަންތީގެ މީހުންނާއި މުއްސަނދީން އިންތިހާ އަށް އޭނާ ދެކެ ރުޅި އާދެ އެވެ. އެ މީހުން ތުހުމަތު ކުރަނީ އޭނާ ކޮރޮޕްޓް ކަމަށެވެ.