ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ފިލްމެ އުފައްދައި، އޭގެ ފަހުން އިސްލާމްވީ ހޮލެންޑްގެ ކުރީގެ ސިޔާސީ ލީޑަރެއް ކަމަށްވާ އަރްނޫދު ވަން ދޫން މިއަދު ރާއްޖެއަށް ވަޑައިގެންފި އެވެ.

އަރްނޫދު އޭނާ އިސްލާމްވީ ގޮތާއި ބެހޭ ގޮތުން ތަގުރީރެއް ކުރެއްވުމަށް ރާއްޖެއަށް ވަޑައިގަތީ، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވި ދައުވަތަކަށެވެ. އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ވިދާޅުވީ މިނިސްޓަރު ޝަހީމާއި އެމްބެސެޑަރް އެޓް ލާޖް ޢަބުދުﷲ ޙަމީދާއި އިސްލާމިކް މިނިސްޓްރީގެ އެހެން ބައެއް އިސް ބޭފުޅުންނެވެ.

އިސްލާމްދީނަކީ މުސްލިމުން ނޫން އެހެން އެންމެންނާ މެދު ރުޅިވެރިކަން ބޭއްވުމަށް ގޮވައިލާ، ހަމަނުޖެހުން ބޮޑު ދީނެއް ކަމަށް ދައްކުވައިދިނުމަށް މަސައްކަތްކޮށްފައިވާ ފިލްމަށް ހަރަދު ކުރި ކުރުމާއި މެދު އަރްނޫދު ފަހުން ވަނީ މައާފަށް އެދިފައެވެ. އެ ފިލްމަށް ހަރަދު ކުރި އިރު އޭނާ ހުރީ ހޮލެންޑްގެ ހަރުކަށި ކަނާތުފިޔައިގެ ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައެވެ. އޭނާ އިސްލާމްވީކަން އިއުލާން ކޮށްފައި ވަނީ 2013 ވަނަ އަހަރުއެވެ. އެކަން އޭނާ އިއުލާން ކުރީ ހައްޖަށް ގޮސްފައި އެނބުރި އައުމަށް ފަހުގައެވެ.

އިސްލާމިކް މިނިސްޓްރީން " ދި މެސެޖް" ގެ ނަމުގައި ހިންގަމުން އަންނަ ދީނީ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްގެ ދަށުން މާދަމާރޭ އަލިމަސް ކާނިވަލުގައި ތަގުރީރު ކުރައްވާނީ އަރްނޫދު އެވެ.