ކޮލަމްބޯއިން މިއަދު ރާއްޖެ އައި ސްރީލަންކަން އެއާލައިންސްގެ މަތިންދާ ބޯޓެއްގައި އިން ބޭރުގެ ފަސިންޖަރަކު އެ ބޯޓުގައި ބޮމެއް އޮތް ކަމަށް ބުނެ އަޑުގަދަކުރުމާ ގުޅިގެން ސިފައިން އެ ބޯޓު ފާސްކޮށް، އެމީހާ ހައްޔަރުކޮށް، ފުލުހުންނާ ހަވާލު ކުރުމުން ތަހުގީގު ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ، އެ ބިދޭސީ މީހާ ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށާއި އެކަމާބެހޭ ގޮތުން އަދި އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖަރ އަބުދުއް ރަހީމް އަބްދުﷲ ވިދާޅުވީ، ބޯޓުގައި ބޮމެއް އޮތް ކަމަށް ބުނި ބިދޭސީ މީހާ މިހާރު ތަހުގީގަށް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުގައި ބެހެއްޓުމަށް ފަހު މިއަދުގެ 2:30 ގައި އެ ބޯޓު ފުރުވާލާފައިވާ ކަމަށް ވެސް އަބުދުއް ރަހީމް ވިދާޅުވި އެވެ.

ބޮމެއް އޮތް ކަމަށް ބުނެ ފްލައިޓް ތެރޭ "އަޑުގަދަކުރި" ކަމަށް ބުނާ އެމީހާއަކީ ބޭރު މީހެއް ކަމަށް ކަށަވަރުކޮށްދިން ނަމަވެސް، އެއީ ކޮން ގައުމެއްގެ މީހެއްކަމާއި، އޭނާގެ ނަމާއި އުމުރު އެމްއެންޑީއެފުން ނުބުނެ އެވެ. ނަމަވެސް ސަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އިނގިރޭސި ވިލާތުގެ މީހެކެވެ.

ކޮލޮމްބޯއިން ފުރައިގެން އައިސް މާލޭގައި ޓްރާންސިޓް ކުރުމަށްފަހު، އިނގިރޭސިވިލާތަށް ދިއުމަށް ހަމަޖެހިފައި އޮތް އެ ބޯޓުގައި ބޮމެއް އޮތް ކަމަށް ޝައްކުކުރެވުމާއެކު، އެ ބޯޓުން މީހުން ބާލުވައި، ސިފައިން ވަނީ ބޯޓު ތެރެ ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް އެފަދަ އެއްވެސް ބޮމެއްގެ އަލާމާތެއް ބޯޓު ތެރެއިން ފެންނަން ނެތުމުން ބޮމެއް އޮތް ކަމަށް ބުނި މީހާ ހައްޔަރު ކުރުމަށް ފަހު ބޯޓު ފުރުމުގެ ހުއްދަ އެމްއެންޑީއެފުން ވަނީ ދިނީ އެވެ.

އެއާޕޯޓުގެ އޮފިޝަލަކު ވިދާޅުވީ އޮޕަރޭޝަން ކޮންޓްރޯލުން "ސްޓޭންޑްބައި" މެސެޖެއް ލިބުނު ކަމަށެވެ. އަދި އެ މެސެޖާ ގުޅިގެން ބޯޓުން މީހުން ބޭލި ކަމަށެވެ.

ސްޓޭންޑްބައި މެސެޖުގައި ބުނަނީ "ބޮމްބް ތްރެޓް ކޯލް" ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވި އެވެ. އަދި އެ މެސެޖު ލިބުނީ 1:26 ގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބޮމެއް އޮތް ކަމަށް ބުނި މީހާ ބޯޓު ތެރޭ ބޮމެއް އެބަ އޮތޭ ކިޔާ ވަނީ ހަޅޭލަވައިފަ އެވެ.