ތިން ރަށެއްގެ ސިއްހީ މަރުކަޒުތައް މަރާމާތު ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ބަޔަކާ ހަވާލުކޮށްފައި ވަނީ ބ. ދަރަވަންދޫ އާއި ރ. ދުވާފަރުގެ އިތުރުން އެއަތޮޅު އަލިފުށީ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށެވެ.

ބ. ދަރަވަންދޫ ސިއްހީ މަރުކަޒު މަރާމާތުކުރަން ހަވާލުކޮށްފައި ވަނީ ކަޅިހި ކޮމްޕެނީ ޕްރައިވެޓް ލިބިޓެޑާ އެވެ. 73 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ1،371،387.78 ރުފިޔާ އަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރުގެ ނައިބު މުހައްމަދު ރަފީގު ހަސަން ވިދާޅުވީ އެ ޕްރޮޖެކްޓްގެ ދަށުން ދަރަވަންދޫ ސިއްހީ މަރުކަޒު ތަރައްގީ ކުރަނީ ފަސް އެނދުގެ ވޯޑަކާއި ލޭބާ ރޫމަކާއި އޮބްޒަވޭޝަން ރޫމެއް ހިމެނޭ ގޮތަށް ކަމަށެވެ.

" މި ޕްރޮޖެކްޓް ނިމޭއިރު ދަރަވަންދޫގެ ހެލްތް ސެންޓަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެންދާނެ،" ރަފީގު ވިދާޅުވިއެވެ.

ރ. ދުވާފަރު ސިއްހީ މަރުކަޒު މަރާމާތު ކުރަން ހަވާލުކޮށްފައި ވަނީ އެއަތޮޅު ކަނދޮޅުދޫ، ބުލްބުލާގޭ، މޫސާ މުހައްމަދު ފުޅާ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 248،892.00 ރުފިޔާއަށެވެ.

ރ. އަލިފުށީ ސިއްހީ މަރުކަޒު މަރާމާތުކުރަން ހަވާލުކޮށްފައި ވަނީ ބްރޯޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 441،461.00 ރުފިޔާއަށެވެ.

އަތޮޅުތަކުގައި ސިއްހީ ޚިދުމަތްދޭ ހުރިހާތަންތަނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތަކީ މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން މިދިޔަ އަހަރު ފަށާފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން މިހާތަނަށް ގިނަ ރަށްރަށުގައި އެ މަސައްކަތް ވަނީ ހިންގާފަ އެވެ.