19 Feb 2015, 16:23
ޑިޕްލޮމާ ނެތް މުދައްރިސުން އެ ފެންވަރަށް ގެނައުމަށް ހިންގާ ޚާއްސަ ޑިޕްލޮމާ ކޯސް މާލެ ހިމެނޭ ގޮތަށް 15 ރަށެއްގައި މިއަދު ފަށައިފި އެވެ.
އެ ކޯސް އަމާޒުކޮށްފައި ވަނީ މިހާރު ސްކޫލްތަކުގައި ތިއްބެވި ޑިޕްލޮމާއަށްވުރެ ދަށް ފެންވަރުގެ ޓީޗަރުންނަށެވެ. އެޑިއުކޭޝަން މިނިސްޓްރީން އަލަށް ތައާރަފްކުރި އޮނިގަނޑުގައިވާގޮތުން މިއަހަރުގެ ނިޔަލަށް ޑިޕްލޮމާ ނަހަދާ ޓީޗަރުން ވަޒީފާއިން ވަކިކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިއަދު ހިންގަން ފެށި ކޯހުގައި މިހާރު ދާއިމީ ވަޒީފާގައި ތިއްބެވި 1236 ޓީޗަރުން ވަނީ ބައިވެރިވެފައެވެ.
މިއަދު ފެށި ކޯސްތަކުގެ ތެރޭގައި ދިވެހި އަދި އިނގިރޭސި ބަހުން ހިންގާ ޑިޕްލޮމާ އިން ޓީޗިން ޕްރައިމަރީ ކޯހާއި، އިސްލާމް ދިވެހި އަދި ޤުރުއާން ހިމެނޭ ގޮތައް ޑިޕްލޮމާ އިން ޓީޗިން ޕްރައިމަރީ ކޯހާއި ދިވެހިބަސް ކިޔަވައިދޭ ސާނަވީ ޓީޗަރުންނަށް ހިންގާ ޓީޗިން ޑިޕްލޮމާކޯހާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަށް ހިންގާ ޓީޗިންގް ޑިޕްލޮމާ ކޯސް އަދި ހަށިގަނޑުގެ ތަރުބިއްޔަތާއި ޕްރީސްކޫލް ޓީޗަރުންނަށް ހިންގާ ޓީޗިން ޑިޕްލޮމާ ކޯހެވެ.
އެ ކޯސްތައް ހިންގަން ފަށާފައިވާ ރަށްތަކުގެ ތެރޭގައި ހދ. ކުޅުދުއްފުއްޓާއި ލ. ގަމާއި ގދ. ތިނަދޫ އާއި ސ. ހިތަދޫގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ކެމްޕަސް ހިމެނެ އެވެ. އަދި އައުޓްރިޗް ސަރަހައްދުތައް ކަމުގައިވާ ރ. ދުވާފަރާއި ބ. އޭދަފުއްޓާއި، ޅ. ނައިފަރާއި، ވ. ފެލިދޫ އާއި، ފ. ނިލަންދޫ އާއި، ދ. ކުޑަހުވަދޫ އާއި، ޏ. ފުވައްމުލަކުގެ އިތުރުން ތ. ވިލުފުއްޓާއި ގއ. ވިލިނގިލީގައި ވެސް އެ ކޯސްތައް ހިންގަން މިއަދު ވަނީ ފަށާފައެވެ.
ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ "ތަހުޒީބީ މުޖުތަމައަކަށް ތަރުބަވީ ތައުލީމް" މި ޝިއާރުގެ ދަށުން ރަނގަޅު ޓީޗަރުން ތަމްރީނުކުރުމަކީ އެ މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޓީޗަރުންނަށްވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ހިތްވަރު ދިނުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒެއް ކަމަށެވެ.
މިއަދު ފަށާފައިވާ ޑިޕްލޮމާ ކޯސްތަކަށް ހޮވިފައިވަނީ 830 ޓީޗަރުންނެވެ. އެ ޓީޗަރުންނަށް ކިޔަވައި ދިނުމަށް ޖުމްލަ 160 ޓީޗަރުން ހަރަކާތްތެރިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.