ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ކުރި އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނަފުކުރަން ނިންމައިފިއެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މައުމޫން ހަމީދު ވިދާޅުވީ އަންނަ ހަފަތްތާގެ ތެރޭގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަންނަ ހަފްތާގެ ތެރޭގައި އަޅުގަނޑުމެން ސުޕްރީމް ކޯޓަށް އެޕީލް ހުށަހަޅާނަން،" މައުމޫން ހަމީދު ވިދާޅުވި އެވެ.

ނާޒިމް ހުށަހެޅުއްވި ދެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން މިއަދު ހުކުމް ކޮށްފައި ވަނީ ކްރިމިނަލް ކޯޓުން އަމުރުތައް ނެރެފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބެލެވެން ނެތް ކަމަށެވެ.

ނާޒިމް ހައްޔަރުކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު އޭނާ ދިރިއުޅުއްވާ ގެކޮޅު ގ. އެނިފްގައި ހުންނަވަނިކޮށެވެ.

ނާޒިމްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ވަނީ ފޮނުވާފައެވެ. އެ އޮފީހުން ބުނީ އެ މައްސަލަ ދިރާސާކުރަމުން އަންނަ ކަމަށެވެ.