އިދިކޮޅު އެމްޑީޕީ އާއި ޖޭޕީ ގުޅިގެން މި ފަހަކަށް އައިސް ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގައި ބައިވެރިވުމަށް ގޮވާލަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށް އެ މީހުން ބޭނުން ކުރަމުން ދިޔަ ޕިކަޕު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، އެ ދެމީހުންނާއި ޕިކަޕު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މިއަދު 10:30 އެހާކަށް ހާއިރު ކަމަށެވެ. އަދި އެ މީހުން ހައްޔަރު ކުރަންޖެހުނީ އެއްވެ އުޅުމުގެ ގާނޫނުގައި ކަނޑައެޅިގެން އެއްވުން މަނާ ސަރަހައްދަކަށް އެއްވުމަށް ގޮވާތީ އެގޮތަށް އަމަލު ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ވެސް އެކަމަށް އިޖާބަ ނުދިނުމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ ދެ މީހުންނާއި އެ ދެ މީހުން ބޭނުން ކުރަމުން ދިޔަ ޕިކަޕު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ އެއްވެ އުޅުން މަނާ ސަރަހައްދަކަށް އެއްވުމަށް ގޮވާލަމުންދާތީ. އެ މީހުންނާއި ޕިކަޕު އަޅުގަނޑުމެން ގެނައީ އާޓްފިޝަލް ބީޗު ސަރަހައްދު ކައިރިން،" އޮފިޝަލް ވިދާޅުވި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެމްޑީޕީ-ޖޭޕީ މުޒާހަރާގައި ބައިވެރިވުމަށް ގޮވާލަމުން ދިޔަ މީހުން ގޮވަމުން ދިޔައީ ހައި ކޯޓު ކައިރިއަށް އެއްވުމަށެވެ.

ހައިކޯޓަކީ އެއްވެ އުޅުމުގެ ގާނޫނުގައި އެއްވެ އުޅުން މަނާ ސަރަހައްދެކެވެ. އަދި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކަކީ މިފަހަކަށް އައިސް އިދިކޮޅު މުޒާހަރާތަކުން ފެންނަމުން އަންނަ ޑީއާރްޕީގެ މެމްބަރެއް ކަމަށްވާ އަހުމަދު ޝަރީފް (އީގަލް ޝަރީފް) އެވެ.