ސަރުކާރުން ފަށާފައިވާ ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެއިން ދޫކުރަން ނިންމާފައިވާ ފްލެޓްތަކަށް މިހާތަނަށް 13،000 އަށް ވުރެއް ގިނަ މީހުން ފޯމް ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު "ސަން" އަށް ހިއްސާ ކުރި މައުލޫމާތުގައި ބުނެފައި ވަނީ ފުލެޓަށް އެދި 13278 ފަރާތުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ކެޓަގަރީ އެކަކަށް 6398 ފޯމު ހުށަހަޅާފައިވާ ކަމަށާއި ކެޓަގަރީ ދޭކަށް 6855 ފޯމު ހުށަހަޅާފައިވާ ކަމަށް އެ މައުލޫމާތުތަކުގައިވެ އެވެ. އަދި ހަމައެއާއެކު ކެޓަގަރީ ތިނަކަށް ތިން އާއިލާއަކުން 25 ފަރާތެއް ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީ އިން ބުންޏެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ އަލަށް ފޯމި ހުށަހެޅުމުގެ ފަހު ތާރީހަކީ މި މަހުގެ 24 ވަނަ ދުވަހަށް ކަމަށެވެ. ނަމަވެސް ފޯމު ހުށަހަޅާއިރު ފޯމު ފުރުމުގައި މައްސަލަތައް ދިމާވެފައިވާ ފަރާތްތަކަށް ފޯމު އިސްލާހު ކުރުމަށް ދެވަނަ ފުރުސަތެއް ދިނުމުގެ ގޮތުން އިސްލާހު ނަންބަރެއް ދޫ ކުރަމުންދާ ކަމަށް އެ މިނިސްޓްރީ އިން ހިއްސާ ކުރި މައުލޫމާތުގައިވެ އެވެ. ހައުސިން މިނިސްޓްރީ އިން ބުނީ މި މަހުގެ 24 ވަނަ ދުވަހުގެ ފަހުން ވެސް އިސްލާހު ކުރުމަށް ދީފައިވާ ނަންބަރުތަކަށް އެ ނަންބަރެއް ދޫކޮށްފައިވާ ތާރީހެއްގައި ވަޑައިގަތުމުން އެ މިނިސްޓްރީ އިން ހިދުމަތް ދެމުން ގެންދާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ ފޯމު ހުށަހެޅުމަށް އޮންނަ ތާރީހުގައި ވަޑައިނުގަނެވިއްޖެ ނަމަ އެފަރާތަކުން ހައުސިން މިނިސްޓްރީ އަށް ވަޑައިނުގަނެވުނު ސަބަބު ބަޔާންކޮށް ދޫކޮށްފައިވާ ނަންބަރުގެ ކޮޕީއަކާއި އެއްކޮށް ހުށަހެޅުމުން އެމީހަކަށް ދިމާވި ހާލަތަކަށް ރިއާއަތްކޮށް އަލުން ފޯމު ހުށަހެޅުމުގެ ފުރުސަތު ދޭ ގޮތަށް މިނިސްޓްރީ އިން ނިންމާފައިވާ ކަމަށެވެ.

ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ފުރަތަމަ ކެޓަގަރީއަށް ދޭން ނިންމާފައި ވަނީ 440 ފްލެޓެވެ. އަދި ކެޓަގަރީ ދޭކުންނާއި ތިނަކުން ދޫކުރަން ނިންމާފައި ވަނީ 330 ފްލެޓެވެ.

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން އަޅަން ނިންމާފައިވާ 1100 ފްލެޓްތަކުގެ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރު މުއިއްޒު މީގެ ކުރިން ވިދާޅުވީ، ބައެއް ފްލެޓްތަކުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، ބާކީ ފްލެޓްތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

ހުޅުމާލޭގައި އަޅަން ހަމަޖެހިފައިވާ 1100 ފްލެޓްގެ ތެރެއިން 715 ފްލެޓް އެޅުމަށް ހަމަޖެހިފައިވަނީ ޗައިނާގެ އެގްޒިމް ބޭންކުން ދީފައިވާ ލުއި ލޯނުގެ ދަށުންނެވެ. އަދި ދެން އަޅަން ހަމަޖެހިފައިވާ 385 ފެލްޓް އެޅުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް އެ ގައުމުގެ ސަރުކާރުން ދީފައިވާ ލުއި ލޯނެއްގެ ދަށުންނެވެ.