ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް "ސެޓްލްމަންޓް އެގްރީމަންޓްތަކުގެ ދަށުން ބޮޑެތި އިނާޔަތްތައް ދީފައިވާ" ރަށްތަކާއެކު ރިސޯޓު ނަހަދައި ހުރި ރަށްތަކުގެ އެގްރިމެންޓް ބާތިލްކުރި ސިޓީއަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު، ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފު ކޮށްފި އެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ މިއަދު 11:30ގައެވެ.

ސިވިލް ކޯޓުން މި މަހުގެ 11 ވަނަ ދުވަހު ނެރުނު އަމުރުގައި ވަނީ ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ޓޫރިޒަމް މިނިސްޓްރީއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައާ މެދު ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ޓޫރިޒަމް މިނިސްޓްރީން އެކުންފުންޏަށް ފޮނުވި ސިޓީއަށް އަމަލުކުރުން ފަސްކުރުމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހައި ފަރާތްތަކަށް އަންގައި އަމުރުކުރާ ކަމަށެވެ.

"ދައުވާގައި ބުނެފައިވާ ފަޅުތަކާ ގުޅޭގޮތުން އެއްވެސް މުއާމަލާތެއް ކޮށްފައިވާނަމަ އެ މުއާމަލާތްތައް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް ދައުވާ ލިބޭ ފަރާތަށާއި ދައުލަތުގެ ކަމާ ބެހޭ އެންމެހައި ފަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ،" ސިވިލް ކޯޓުގެ އަމުރުގައި ވެއެވެ.

ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ކުރި ދައިވާގައި ވަނީ އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ ޓޫރިޒަމް މިނިސްޓްރީން ޚިލާފުވެފައިވާ ކަމަށެވެ. އެހެންކަމުން ޓޫރިޒަމް މިނިސްޓްރީން ފޮނުވާފައިވާ ސިޓީތަކުގައިވާ ގޮތުގެމަތިން އެއްބަސްވުން ބާތިލް ނުކުރެވޭނެ ކަމަށް ވެސް އެކުންފުނިން ކުރި ދައުވާގައި ވެއެވެ.

ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ ދައުވާގައި ބުނާ ތިން ފަޅު، ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް އަށް ދިނުމަށް އެއްބަސްވެފައި ވަނީ މީގެކުރިން އެ މުއާމަލާތުގައި ދޭންޖެހުނު ބަދަލެއް، ދައުލަތުގެ މާލީ ހާލަތުހުރިގޮތުން ދައުލަތަށް ނުދެވިގެންކަން އެނގެން އޮންނަ ކަމަށެވެ.

އެހެންކަމުން އެދިފައިވާގޮތަށް ވަގުތީ އަމުރު ނެރެނުދީފިނަމަ އެ ކުންފުންޏަށް ގެއްލުންތަކެއްވެ، އެ ގެއްލުންތައް އިއާދަނުކުރެވޭ ކަމަކަށް ވުމުގެ ފުރުސަތު އޮތްކަން ފާޅުކަންބޮޑުގޮތެއްގައި އެނގެން އޮންނަ ކަމަށް ވެސް އެ އަމުރުގައި ވެއެވެ.