19 Feb 2015, 15:13
ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ހަސަން ހަބީބު މިއަދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު އައްޔަން ކުރައްވައިފި އެވެ.
ޑެޕިއުޓީ ކޮމިޝަނަރު ކަމަށް ހަބީބު މިއަދު އައްޔަން ކުރެއްވި އިރު މިހާތަނަށް އޭނާ ހުންނެވީ، އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި އެވެ. އަދި ހަބީބު މި މަގާމަށް އައްޔަން ކުރެއްވުމުން މިހާރު ޑެޕިއުޓީ ކޮމިޝަނަރު ކަމުގެ މަގާމުގައި ތިން ބޭފުޅަކު ތިއްބަވާނެ އެވެ.
އެ މަގާމުގައި ހަބީބުގެ އިތުރުން ތިއްބަވަނީ މުހައްމަދު ސޯދިގާއި މުހައްމަދު ސައުދީ އެވެ.
ފުލުހުންގެ ގާނޫނުގެ 54 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ، ފުލުހުންގެ ދައުރު އަދާކުރުމުގެ އެންމެހާ ކަންތައްތައް ރާވައި، ދުވަހުން ދުވަހަށް ހިންގައި ބެލެހެއްޓުމުގައި ކޮމިޝަނަރު އޮފް ޕޮލިސްއަށް އެހީތެރިވެދިނުމަށް ޓަކައި، ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް މީހަކު ނުވަތަ ބަޔަކު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ޢައްޔަންކުރަންވާނެ ކަމަށެވެ.