19 Feb 2015, 14:59
މީހާރު މާލޭގައި ކުރިއައްދާ އެއްވުންތަކުގައި ގާނޫނާ ހިލާފަށް ބިރުދެއްކުމުގެ ގޮތުން އެއްވެސް ފަރާތަކުން ވާހަކަ ދައްކާނަމަ މުޅި އެއްވުން ރޫޅާލާނެ ކަމަށް ފުލުހުން ބުނެފި އެވެ.
އެއްވުންތަކުގައި ގާނޫނީ އިމުގެ ތެރެއިން ކަން ކުރުމަށް ސިޔާސީ ޕާޓީތަކަށް އިލްތިމާސްކޮށް މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ، ސަރުކާރާ އިދިކޮޅު އެމްޑީޕީއާއި ޖުމްހޫރީ ޕާޓީން ގާނޫނު އަސާސީ ހިމާޔަތްކުރުމަށް ކަމަށް ބުނެ މާލޭގައި މިހާރަކަށް އައިސް ކޮންމެ ރެއަކު ކުރިއަށް ގެންދާ އެއްވުންތަކުގައި ގާނޫނާ ހިލާފަު ވާހަކަ ދައްކަމުންދާ ކަމަށާއި، ފުލުހުން އެމައްސަލަ ބަލަމުން ދަކަމަށެވެ.
އަދި އެ އެއްވުންތަކުގައި ސްޕީކަރު ބޭނުންކޮށްގެން އަޑުގަދަކުރުމުގެ ސަބަބުން އެހިސާބުގައި ދިރިއުޅޭ ސްކޫލު ކުދިންނަށާއި ވަޒީފާ އަދާކުރާ މީހުންނަށް ދަތިތަކާއި ކުރިމަތިވާ ކަމަށްވެސް ޝަރީފު ވިދާޅުވި އެވެ.
"މިހާރު ކުރިއަށް އެ ގެންދާ އެއްވުންތަކުގައި، އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް އަދި މަގުތަކުގައި ހިނގާ ބިނގާވެ ދަތުރުކޮށް އުޅޭ މީހުންނަށް ދަތިތަކާއި ކުރިމަތި ވާކަމުގެ ޝަކުވާ ދަނީ ލިބެމުން. އަދި މި އެއްވުންތަކުގައި އަޑުގަދަކުރާ ބޭނުން ކުރުމުގެ ސަބަބުން އެހިސާބުގައި ދިރިއުޅޭ ފަރާތްތަކަށް ނިދުމަށް އުނދަގޫވާ ޝަކުވާ ފުލުހުންނަށް ދަނީ ލިބެމުން،" ޝަރީފު ވިދާޅުވި އެވެ.
ގައުމުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ފުލުހުންގެ ގާނޫނީ ޒިންމާއެއްކަމަށް ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ، އެއްވުންތަކުގައި އެކިއެކި ގޮތްގޮތަށް ވާހަކަދައްކާ މައްސަލަތަށް ފުލުހުން ބަލަމުން ދާކަމަށެވެ.
"ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދައި، އަނިޔާވެރި ކަންކަމަށް މަގުފައިވާ ގޮތަށް ވާހަކަ ދާއްކާފައިވާތީ ފުލުހުން ދަނީ އެމައްސަލަ ބަލަމުން،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެއްވުންތަކުގައި ދައްކާ ވާހަކަ އެވަގުތުން ވަގުތަށް ފުލުހުންވެސް ބަލަމުންދާނެ ކަމަށާއި، ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ވާހަކައެއްދައްކައި، ނުވަތަ އަމަލެއްކޮށްފިނަމަ އެ ވާހަކަ އެއްދެއްކި މީހާ ހައްޔަރުކުރުމުގެ އިތުރުން އެއްވުންވެސް ރޫޅާލާނެ ކަމަށެވެ.
ފުލުހުން ބުނީ، ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީން ގާނޫނު އަސާސީ ހިމާޔަތްކުރުމަށް ކަމަށް ބުނެ އި މި މަހުގެ 17 ވަނަ ދުވަހުގެ ރޭ އެމްޑީޕީ-ޖޭޕީ ގުޅިގެން ފަރީދީމަގާއި ޗާނދަނީމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައި ކުރިއަށް ގެންދިޔަ އެއްވުމެއްގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް، ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނުނާ ޚިލާފު ވާހަކަތަކެއް އެ އެއްވުމުގައި ބައިވެރިވި މީހަކު ދައްކާފަވާ ކަމަށެވެ. އަދި ޖާނުން ފިދާވެގެންވެސް މިހާރު އޮތް ޤާނޫނީ ސަރުކާރު ވައްޓާލާނެކަމުގެ އިންޒާރު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ދަނީ މިހާރު އެމައްސަލަ ބަލަމުންނެވެ.